ހދ ހަނިމާދޫއިން ކޮވިޑް ކޭސްއެއް ފެނުމާއިގުޅިގެން މިމަހު 9 ވަނަ ދުވަހު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ ކުލިނިކުން ނެގި ދެ ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މި ދެ ކޭސްއާ ގުޅިގެން ހެދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 4 މީހަކު ޕޮޒިޓިވްވެ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަަލަށް ހަނިމާދޫގެ އެކްޓިވް ކޭސްގެ އަދަދު އޮތީ 6 ގަ އެވެ. އެއަށްފަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި އެއަކު 15 ވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ.
ނަމަވެސް ރަށުގެ ކޭސްތައް އިތުރުވެފައިވަނީ 16 ވަނަ ދުވަހު އެރަށުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ ބިދޭސީންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެގޮތުން އެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން 11 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 10 ސާމްޕަލް އެއީ ބިދޭސިންގެ ސާމްޕަލްތަކެކެވެ.
އޭގެ ކުރިން ޕޮޒިޓިވްވި ކޭސްއަކާއި ގުޅިގެންވެސް 6 ބިދޭސީއެއް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ދެ ކޮޓަރިއެއްގައި އުޅޭ 14 ބިދޭސީންގެ ތެރެއިން 6 މީހެެކެވެ.
17 ވަނަ ދުވަހު ނެގި 50 ސާމްޕަލްގެެ ތެރެއިން 5 ސާމްޕަލެއް ޕޮޒިޓިވްވި އިރު 18 ވަނަ ދުވަހުނެގި 15 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 1 ސާމްޕަލެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ހިމެނޭ 30 ސާމްޕަލްގެތެރެއިން 18 ސާމްޕަލްއެއީ ބިދޭސީންގެ ސާމްޕަލެވެ. އަދި އަނެއް 12 ސާމްޕަލްއެއީ ދިވެހިންގެ ސާމްޕަލެވެ.
ހދ ހަނިމާދޫ ހެލްތް ސެންޓާގެ ސީނިއާރ ކޮމިއުނިޓީ ހެލްތް އޮފިޝަރ ޒުބައިދާ އިބްރާހިމް ވިދާޅުވީ ފަހުން ޕޮޒިިޓިވްވި ކޭސްތަކަކީވެސް އެންމެ ފުރަތަމަ ރަށުން ފެނުނު ކޭސްތަކާއިގުޅުން ހުރި ކޭސްތައް ކަމަށެވެ.
ޒުބޭދާ ވިދާޅުވީ ބިދޭސީންނަކީ ގިނަ މީހުން އެއްތަނެއްގައި އެކުގައި އުޅޭ ބަޔަކަސް ވާތީ ރަށުގައި އުޅޭ އެހެން ބިދޭސީންނާއި ވެސް ކޮންޓެކްޓް ވެފައި ވާކަމަށެވެ. ކުރީގެ ކޭސްތަކުގައި ރަށުގައި ފަހާތަނެއްގައި އުޅޭ ދެ ބިދޭސީއަކުވެސް ކޮންޓެކްޓް ވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެންމެ ފުރަތަމަ ރަށު ފުލޫ ކްލިނިކުން ނެގި ދެ ސާމްޕަލް ޕޮޒިޓިވްވީ ކިހިނެތްކަމެއް އަދިވެސް ދެނެގަނެވިފައި ނުވާކަމަށް ޒުބޭދާ ވިދާޅުވި އެވެ. އެތަނުން އެއް ސާމްޕަލަކީ ހަނިމާދޫ ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެއްގެ ސާމްޕަލެވެ.
ޒުބޭދާ ވިދާޅުވީ ބަލިޖެހިފައިވާ އެއްވެސް މީހަކާ ކޮންޓެކްޓް ވެފައި ނުވާނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ މަރުކަޒަށް ގުޅައި އެންގުންމަށް އެދޭކަމަށެވެ.
9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 355 ސާމްޕަލް ނަގާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ހިމެނުނު 222 މީހެއްގެ ސާމްޕަލްއާއި ރޭންޑަމް 140 ސާމްޕަލް އަދި ފްލޫ ކްލިނިކުން ނެގި 29 ސާމްޕަލެވެ.