ކޮވިޑް ކޭސްއެއް ފެނި މިމަހު 17 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ހއ ފިއްލަދޫގެ އާންމު ހާލަތު ރަނގަޅުކަމަށާއި އިތުރު ފަހުން އިތުރު އަދި ޕޮޒިޓިވްވެފައިނުވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ކޭއޯއަށް ވިދާޅުވީ ފްލޫ ކްލިނިކުން ޕޮޒިޓިވްވި ސަމްޕަލްއާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 8 މީހަކު ޕޮޒިޓިވްވެފައިވާއިރު މިވަގުތު ރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 9 ކަމަށެވެ.
ފަހުން ޕޮޒިޓިވްވި 8 މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 81 މީހެެއްގެ ސާމްޕަލް މިހާރު ނަގާފައިވާނެ ކަމަށާއި އެތަނުން 56 ސާމްޕަލެއް އިއްޔެ ކުޅުދުއްފުއްޓަށް ފޮނުވާފައިވާއިރު ބާކީ 25 ސާމްޕަލް މިއަދު ހެނދުނު ފޮނުވާފައިވާކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
މިހާތަނަށް ރަށަށް ބަލި ފެތުރިފައިވާގޮތް ދެނެގަނެވިފައިނުވާ ކަމަށާއި ނަމަވެސް ބަލި ފެތުރިފައިވާ ރަށަކުން ދަތުރުކޮށްފައިވާ ބައެއް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނޭކަމަށް ފަތުުހުﷲ ވިދާޅުވި އެވެ.
މި ކޭސްތަކާއިގުޅިގެން މިހާތަނަށް 68 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ކަރަންޓީން ގައި 151 މީހުން އެބަތިއްބެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ހިމެނޭކަމަށާއި ނަމަވެސް އެމީހުންގެ ފަރާތުން މިހާތަނަށް އަދި އަލާމާތްތައް ނުފެންނަކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
މޮނީޓަރިންނަށް ލުމަށްފަހު ޒަރޫރީ ކަންކަމުގައި މެނުވީ ބޭރަށް ނުކުމެ އުޅުން މަނާކަމަށާއި، ވިޔަފާރީ ކުރުމާށާއި ކުނި އުކާލުމަށް، ދަނޑަށް ދިއުމަށް އަދި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުން އޮޑިއަށް ދިއުމަށް ހާއްސަ ހުއްދަތަކެއް ދޫކޮށްފައިވާނެ ކަމަށާއި ބޭރަށް ނުކުމެވޭނީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ފަތުހުﷲ ވިދާޅުވި އެވެ.
ރަށުގައި ފުލުހުންގެ ޑެސްކެއް ގާއިމްކޮށްފައި ނެތުމުގެ ސަބަބުންނާއި ސިއްހީ މަރުކަޒުގައި ވަސީލަތްތައް ނެތުމުންގެ ސަބަބުން ކަންކަން ބެލެހެއްޓުމުގައި ދަތިތައް ދިމާވާކަން ފަތުހުﷲ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ޓާސްކްފޯހާއި ކައުންސިލާއި ގުޅިގެން ރަށުތެރޭގެ ކަންކަމާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ހާލު ބަލާއި، މޮނީޓަރިންނަށް ލާފައިވާ ގޭގޭގެ ކަންކަން ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުންވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.