ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިއާ ބަލިކޮށް ޑެންމާކުން ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ. ޑެންމާކުން މިމެޗަށް ނުކުތީ ހާޓް އެޓޭކެއް ޖެހުނު އެޓީމުގެ ތަރި ކްރިސްޓަން އެރިކްސަންއާ ނުލައެވެ. މުބާރާތުން ކެޓުމުގެ ބިރު ބޮޑުވެފައި ޑެންމާކުން ވަނީ އެންމެން ހައިރާންކޮށްލުމަށް ފަހު ރަޝިއާގެ މައްޗަށް 4 - 1 ން ކުރިހޯދައިގެންނެވެ.
މިމެޗުން ހޯދި މޮޅާއެކު ޑެންމާކުވެގެން ގޮސްފައިވަނީ ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު ދެވަނަ ބުރުން ޖާގަ ހޯދި ފުރަަތަމަ ޓީމަށެވެ. ޑެންމާކުން މިމުބާރާތުގެ ދެވަނަ ބުރަށް އެންމެ ފަހުން ދަތުރުކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި މިއީ ޑެންމާކުން 1998 ގެ ވޯލްޑް ކަޕުގައި ނައިޖީރިއާ ކޮޅަށް ޖެހި ހަތަރު ލަނޑަށް ފަހު ބޮޑު މުބާރާތެއްގައި 4 ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުން ޑެންމާކުން ވަނީ މުޅި މެޗުގައި 16 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން 10 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޑެންމާކަށް ކާމިޔާބުކޮށްދިނީ 38 ވަނަ މިނެޓުގައި މިކެލް ޑެމްސްގާޑެވެ. ޑީ އޭރިއާ ކުރިމަތިން ހޮޖްބާގް ޖައްސާލި ބޯޅަ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ޑެމްސްގާޑް ވަނީ ޑެންމާކަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1 - 0 ގެ ތަފާތަކުން ޑެންމާކު ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފުގައި ޑެންމާކުގެ ޔޫސުފް ޕޯލްސަން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ 10 ވަރަކަށް މިނެޓުފަހުން ޑެންމާކުގެ ވެސްޓަގާޑް ރަޝިއާގެ ސޮބޮލޭވްއަށް ކުރި ފައުލަކާ ގުޅިގެން ރަޝިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ރަޝިއާގެ ކެޕްޓަން އާޓެމް ޒޫބާ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ ތެރެއަށް ވަދެގެން ރަޝިއާއިން އެޓީމުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ.
ނަމަވެސް ތިން މިނެޓުތެރޭ ދެލަނޑު ޖަހާ ޑެންމާކުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޑެންމާކުގެ އަންދްރެއަސް ކްރިސްޓެންސަން އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަންއިރު އޭގެ 2 މިނެޓު ފަހުން މޭލާ ވަނީ ތިރިތިރިން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލާ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގައި މިރޭ ގުރޫޕް ޑީގެ ފަހު މެޗުތައް ކުޅެވިގެންދާއިރު މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ޗެކް ރިޕަބްލިކުން އިންގްލޭންޑާ ދެކޮޅަށް ނުކުންނައިރު ކޮރޭޝިއާއިން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.