ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލޭންޑްގެ މައްޗަށް ހޯދި މޮޅާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގައި ކުޅެވުނު މިމެޗު ބެލްޖިއަމުން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމެއްގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ބެލްޖިއަމުން ވަނީ މުޅި މެޗުގައި ފިންލޭންޑްގެ ގޯލާ އަމާޒުކޮށް 7 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ފިންލޭންޑަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބެލްޖިއަމްގެ ރޮމޭލޫ ލުކާކޫއާއި ޖެރެމީ ޑޮކޫއަށް ވަނީ ލިބިފައެވެ. ނަމަވެސް އެކުޅުންތެރިން ފޮނުވާލި ހަމަލާތައް ދިޔައީ އަރިމަތިން ބޭރަށެވެ.
ބެލްޖިއަމުން މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ 65 ވަނަ މިނެޓުގައެވެ. ނަމަވެސް ޑިބްރޭނާ ލުކާކޫއަށް ބޯޅަ ޖައްސާލި ވަގުތު ލުކާކޫ އޮތީ އޮފްސައިޑްގައި ކަމަށް ރެފްރީވަނީ ނިންމާފައެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން މެޗުގެ 74 ވަަނަ މިނެޓުގައި ބެލްޖިއަމްގެ ޑިބްރޭނާ ނަގައިދިން ކޯނަރެއް ބޮލުން ގޯލާ ދިމާލަށް އެޓީމުގެ ވާމައެލަން ފޮނުވާލިއެވެ. ކީޕަރު އަތުގައި ޖެހިފައި މިލަނޑުވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ.
މެޗުގައި ބެލްޖިއަމުން ޖެހި ދެވަނަ ލަނޑަކީ ޑިބްރޭނާ ޖައްސާލި ބޯޅައެއް އޭރިއާ ތެރޭގައި ހުރެފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލުކާކޫ އެޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިމެޗުންވީ މޮޅާއެކު ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކުރިއިރު ފިންލޭންޑަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނީ ހުރިހާ މެޗެއް ކުޅެ ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެނެވެ. މިވަގުތު ފިންލޭންޑް އޮތީ އެ ރޭންކިންގެ ހަތަރުވަނައިގައެވެ.