twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ނުލިބޭނެހެން ސަރުކާރުން ބިލެއް ވުޖޫދަށް ނުގެންނާނެ: އާތިފާ

މުޙައްމަދު އަހުމަދު
Jun 22, 2021
4

ނަފުރަތުގެ އަމަލު ހިންގުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤާނޫނުލް އުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މި ބިލާމެދު ކުޅުދުއްފުށި ސިޓީ މެދު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އާތިފާ އަލީ ދެކިލައްވާގޮތް ހިއްސާކުރައްވައިފި އެވެ.

މި ބިލު ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، 124 ވަނަ މާއްދާގެ ދަށުން ނަފުރަތުގެ އަމަލުތައް ހިންގުމަކީ ކޮބައިކަމާ އެއީ ކުށެއްކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލެކެވެ.

މި ބިލާމެދު ދެކޭގޮތް ހިއްސާކުރައްވާ އާތިފާ އޭނާގެ ފޭސްބުކް އެކައުންޓްގައި ފާހަގަކޮށްލާފައިވާ ކަންތައްތަކަކީ:

1. އިންސާނުންގެ ލޭ ހުއްދަ ކުރުމާއި، މީހުން މަރަން ގޮވުމާއި، އަނިޔާކުރަން ނުވަތަ އަނިޔާވެރިވުމަށް ގޮވުމާއި، އެކަމަށް ހިތްވަރުދިނުމާއި، އެކަމުގައި ބައިވެރިވުމަކީ އެއްވެސް މީހަކު ތާއިދުކުރާނެ ކަމެއް ނޫނެވެ. އަދި އެއީ އިސްލާމްދީނުގައިވެސް ނަހީކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން އެފަދަ ޢަމަލުތައް ކުށެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ދެކެމެވެ. އެހެނީ މީހަކު ކުށެއް ކުރުމުން، އިސްލާމީ ޝަރީޢަތުގައި ޙުކުމް ކުރުމުގެ ޒިންމާ އޮންނަނީ ޙާކިމާއަށެވެ. އެއީ އެއްވެސް ހާލެއްގައި ވަކިވަކި ފަރުދުން އަދާކުރަންޖެހޭ ޒިންމާއެއް ނޫނެވެ.

2. މުސްލިމަކު ކާފަރު ކުރުމާއި، އިސްލާމުދީނާ ދެކޮޅަށް މީހަކު ވާހަކަ ދެއްކުމުން، އެމީހަކު އެގޮތަށް ދައްކައިފިއޭ އަދި އޭނާއަކީ ދީނާ ދުރު މީހެކޭ ބުނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. މުސްލިމަކު ކާފަރު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި އުސޫލެއްގެ ތެރެއިން ޝަރުޠުތަކަކާއެކު ކުރަން އޮންނަ ކަމެކެވެ. އެހެންކަމުން އެ ޝަރުޠުތަކާ ޚިލާފަށް މުސްލިމަކު ކާފަރުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް، ބިލު މިހާރު އޮތްގޮތުން އެ ޝަރުޠުތަކާއެއްގޮތަށް ވިޔަސް މުސްލިމަކު ކާފަރުކުރުމަކީ ކުށަކަށް ވެދެއެވެ.

3. އިސްލާމްދީނުގެ އަސާސަކާ ނުވަތަ ޙުކުމަކާ ދެކޮޅަށް ފާޅުގައި މީހަކު ވާހަކަދައްކައިފިނަމަ، އޭނާ އިސްލާމްދީނާ ޚިލާފު ވާހަކައެއް ދައްކައިފިއޭ ބުނެ އޭގެ ރަނގަޅުގޮތް މުޖުތަމަޢަށް ބަޔާންކޮށްދެވެންޖެހެއެވެ. އަދި އެމީހަކު ހަމަމަގަށް އެޅުވޭތޯ މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. އެހެންކަމުން މިނިވަންކަމާއެކު މި މަސައްކަތްކުރާނެ ފުރުސަތު ހާއްސަކޮށް ޢިލްމުވެރިންނަށް ލިބެންޖެހެއެވެ. އެއާ ޚިލާފަށް ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ (i) މިހާރު އޮތްގޮތުން ނުކުންނާނެ ނަތީޖާއަކީ، މިހާރުވެސް އިސްލާމްދީނުން ބޭރުވިކަން އަމިއްލައަށް އިޢުލާންކޮށްގެން ތިބެ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް އިތުރު ހިތްވަރެއްލިބިގެންދިއުމެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ބަހެއް ބުނާ މީހާ އެކުރަނީ ޤާނޫނީ ކުށަކަށް ވެގެން ދިއުމެވެ.

ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ (i) ގައިވާގޮތުން، އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެކެވެ.

4. ނަފުރަތުގެ ޢަމަލު އިސްލާމްދީނާ ގުޅުވައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެއް ކަމަށް ބުނެފައިވާއިރު، އިސްލާމްދީނާ ގުޅުވައިގެން ވަކި މީހަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ތުހުމަތުކޮށް ތަފާތު އިލްޒާމުތައް އެޅުވުންވެސް އާންމު ވެފައިވާއިރު އެކަންކަން ނަފުރަތުގެ އަމަލެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

5. ޤާނޫނު އަސާސީއިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމާއި ގަލަމާއި ދުލުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ހަދައިގެން، ފާޅުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެކަކު އަނެކަކާމެދު ނަފުރަތު އުފެއްދުމަށް ލައިވް ޓީވީ ޕްރޮގްރާމްތަކާއި ޕޯޑިއަމްތަކާއި އާންމު ތަންތަނުގައި އެކިގޮތްގޮތަށް މަސައްކަތްކުރުން އިންތިހާއަށް ޢާންމުވެފައިވާއިރު އެފަދަ އަމަލުތަކަކީވެސް ނަފުރަތުގެ އަމަލުގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ދެކޭކަމަށެވެ.

އާތިފާ އިތުރަށް ވިދާޅުވީ އޭނާ ގަބޫލުކުރާގޮތުގައި ބިލުގެ ކޮމެޓީ މަރުހަލާގައި މިކަންކަމާމެދު މެންބަރުން އިތުރަށް ވިސްނާވަޑައިގެން ބިލަށް ބަދަލުތައް ގެންނަވާނެ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ގެނެސްދެއްވާނެ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއްގައި އެކަމަށް ތަސައްލީއެއް ނުލިބޭނެހެން އަދުގެ ސަރުކާރުން މި ފަދަ ބިލެއް ވުޖޫދަށް ނުގެންނާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރާކަމަށްވެސް އާތިފާ ވިދާޅުވިއެވެ.

"
"ހަމައެއާއެކު، އިސްލާމްދީނާ ދެކޮޅު އަމަލުތައް ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުން އިސްލާމްދީނަށް ނަސްރު ދެވޭނެ ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް އެ މާއްދާ ތަންފީޒުކުރާ ތަނެއް ނުފެނެއެވެ. މި މާއްދާ ފުރިހަމައަށް ތަންފީޒުކުރުމަކީވެސް ނުހަނު މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ."
ކައުންސިލަރު އާތިފާ

މި ބިލާމެދު އާތިފާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައިވާއިރު ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި އޭނާ މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފިއެވެ. އާތިފް ވިދާޅުވީ މިބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް ހިމެނުނު ކަމުގައިވިއަސް މިބިލުގައިވެސް މީހުންގެ މެދުގައި ހިޔާލުތަފާތުވެދާނެ ވާހަކަތަކެއްވެސް ހުރިކަމުގެ ނުތަނަވަސްކަން އެބައޮތްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355