twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިސްލާހެއް ހުށައަޅަންވާނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުނުވާނޭ ގޮތަށް: ޑީއެންއޭ

މުޙައްމަދު އަހުމަދު
Jun 22, 2021

ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) ނަފްރަތުގެ އަމަލު މަނާކުރާ ބިލް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ނޫސް ބަޔާނެއް ނެރެފި އެވެ.

ދިވެހި ގައުމީ ހަރަކާތް ނުވަތަ ޑީއެންއޭއިން އާންމުކުރި ބަޔާނުގައިވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު) އަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ. އެހެންކަމުން މި އިސްލާހު ވެގެން މިދަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ އިސްލާހަކަށެވެ.

ޑީއެންއޭއިން އިތުރަށް ހާމަކުރެއްވި ގޮތުގައި އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށައަޅަންވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ހިލާފުނުވާނޭ ގޮތަށް ކަމަށާއި ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު) އަށް ހުށައަޅާފައިވާ މިވާ އިސްލާހަކީ ބަލައިގަނެވޭނެ އިސްލާހެއް ނޫންކަމަށާއި މިކަން ހަރުއަޑުން ކުށްވެރިކުރާކަމަށް ޑީއެންއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

"
ނަމަވެސް މި ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހައްދަވާފައިކަން ފާހަގަކުރަމުން، މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޑީއެންއޭގެ ފަރާތުން މަރުހަބާ ދަންނަވަމެވެ. އަދި މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އަށްވުރެ އިސްލާމް ދީނާއި ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ އެދުމުން ބަރީއަވެ މަސައްކަތް ކުރެއްވުމުގައި ހުރިހާ ޕާޓީތަކެއްގެ ހުރިހާ މެންބަރުންވެސް ދެމިތިއްބަވާނޭ ކަމުގެ އުއްމީދު ޑީއެންއޭއިން ކުރަމެވެ.
ދިވެހި ގައުމީ ހަރަކާތް
"
"މިގޮތަށް ހުށައެޅޭ އިސްލާހުތަކަކީ އެ އިސްލާހުތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީއެންއޭ އިން ދެކެމެވެ."
ދިވެހި ގައުމީ ހަރަކާތް

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް، އިތުރަށް ޤައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލު އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ޑީއެންއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހައްގު ލިބެންވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމަށާއި، ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރައުޔާ ހިލާފުނުވާނޭ ގޮތަށް ކަމުގައިވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355