ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑްގެ މައްޗަށް 3 - 1 ން ކުރިހޯދައި މުބާރާތުގެ ގަދަ 16 އަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.
މިރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ކޮރޭޝިއާއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް މިލަނޑު ޖަހައިދިނީ އެޓީމުގެ ނިކޯލާ ވްލަސިޗްއެވެ. އޭރިއާ ތެރެއިން އިވާން ޕެރިސިޗް ޖައްސާލި ބޯޅަ ވްލަސިޗް ވަނީ ތިރިތިރިން ގޯލުގެ ކަނަށް ވައްދާލާފައެވެ.
މެޗު ފެށުނީއްސުރެ ކްރޮއޭޝިއާގެ ޑިފެންސަށް ބާރުބޮޑު ކުރަމުންދިޔަ ސްކޮޓްލޭންޑުންވަނީ މެޗުގެ 42 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ 1996 ގެ ޔޫރޯއަށްފަހު ބޮޑު މުބާރާތެއްގައި ސްކޮޓްލޭންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކަލުމް މެކްގްރެގާއެވެ.
މިލަނޑަށްފަހު ކްރޮއޭޝިއާއިން ވަނީ ލަނޑެއްޖެހޭތޯ އިތުރަށް ހިފާލާފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ވަނީ ކްރޮއޭޝިއާއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގައިދީފައެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅަ މޮޑްރިޗް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލައިގެން އޭނާ ވަނީ ކޮރޭޝިއާއަށް ލީޑު ނަގައިދީފައެވެ. މި ގޯލު ވެގެން ގޮސްފައިވަނީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ގޯލަށެވެ.
އޭގެ 16 މިނެޓު ފަހުން އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ކްރޮއޭޝިއާއަށް ލިބުނު ކޯނަރަކުން މޮޑްރިޗް ނަގައިދިން ބޯޅަ ޕެރިސިޗް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ވައްދާލައި މެޗުގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މުބާރާތުގެ ގަދަ 16 ގައި ކްރޮއޭޝިއާ ބައްދަލުކުރާ ޓީމެއް ޔަގީންވާނީ މިރޭގެ މެޗުތަކަށް ފަހުއެވެ.