ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް މިރޭ ނުކުންނާނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސާ ދެކޮޅަށެވެ. މިމެޗަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އިންތިރާޒުކުރަމުން އަންނަ މެޗެކެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައެވެ. ދެޓީމުގައިވެސް މޮޅެތި އެތައް ކުޅުންތެރިންނެއް ހިމެނުމަކީ މިމެޗު އެހާ ފޯރިގަދަވެފައި ހާއްސަވާ އެއް ސަބަބެވެ.
މިރޭގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މިމެޗުން ފުރާންސް މޮޅުވެއްޖެނަމަ އެޓީމަށް ގުރޫޕްގެ އެއްވަނަ ޔަގީން ވާނެއެވެ. ނަމަވެސް ފުރާންސް މިމެޗުން ބަލިވެއްޖެނަމަ ޕޯޗުގަލްއަށް ހަ ޕޮއިންޓް ލިބޭނެއެވެ. މީގައި ފޯރިގަދަވާ ހިސާބަކީ މިގުރޫޕްގެ އަނެއް މެޗުގައި ހަންގޭރީ އަތުން ޖަރުމަނު މޮޅުވެއްޖެނަމަ އެޓީމަށްވެސް ހަ ޕޮއިންޓް ލިބޭނެއެވެ. ނަމަވެސް އޭރަށް އެއްވަނަ ޔަގީންކުރާނީ ގޯލް ތަފާތައް ބަލައިގެނެވެ. ނަމަވެސް އެމެޗުން ޖަރުމަނު ބަލިވެއްޖެނަމަ އެޓީމު މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. މިދެމެޗު ވެސް ކުޅެވޭނީ އެއްވަގުތެއްގައެވެ.
މީގައި އޮތް އަނެއް ހާލަތަށް ބަލާލާއިރު ހަންގޭރީއާ ޖަރުމަނު މެޗު އެއްވަރުވެފައި ފުރާންސާ ޕޯޗުގަލް މެޗު އެއްވަރުވެއްޖެނަމަ ގުރޫޕްގެ އެއްވަނައަށް ދާނީ ފުރާންސެވެ. އޭރުން ދެވަނަ ލިބޭ ޕޯޗުގަލްއާއި ތިންވަނަ ލިބޭ ޖަރުމަނު އޮންނާނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ.
ދެން އޮތް އަނެއް ހާލަތަކީ ހަންގޭރީއާ ޖަރުމަނު ބައްދަލުކުރާ މެޗުން ހަންގޭރީ މޮޅުވުމެވެ. އޭރުން ޖަރުމަނު މުބާރާތުން ކަޓާނެއެވެ. ނަމަވެސް ފުރާންސާއި ޕޯޗުގަލް މެޗު އެއްވަރުވެއްޖެޔާމުން ހަންގޭރީއާ ޕޯޗުގަލް ޕޮއިންޓްގެ ގޮތުން ހަމަހަމަ ވާނެއެވެ. އޭރުންވެސް ބަލާނީ ގޯލު ތަފާތަށެވެ. އަދި ޕޯޗުގަލް މޮޅުވެއްޖެނަމަ ހަންގޭރީއާ ފުރާންސް ހަމަހަމަ ވާނެއެވެ. އޭރުން ދެވަނަ ޔަގީންކުރާނީ ހަންގޭރީއާއި ފުރާންސްގެ ގޯލު ތަފާތަށް ބަލައިގެންނެވެ. އަދި ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރާނީ ގޯލު ތަފާތުން ދަށްވާ ޓީމެކެވެ.
މިމެޗުން ޕޯޗުގަލް ބަލިވެ އަނެއް މެޗުން ޖަރުމަނު ބަލިވެއްޖެޔާ އެދެޓީމުވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ ވާނެއެވެ. އޭރުން ގޯލު ތަފާތަށް ބަލައިގެން ކުރީގައި އޮންނަ ޓީމެއް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އަދި ދެން އޮތް ޓީމު މުބާރާތުން ކަޓާނެއެވެ. އެހެންނަމަވެސް އޭރަށް ގޯލު ތަފާތުން ކުރި ހޯދައި ބައެއް ދެވަނަ ބުރަށް ދަތުރުކުރާނީ މުބާރާތުގެ ހުރިހާ ގުރޫޕެއްގެ ތެރެއިން ތިންވަނައަށްދާ އެންމެ މޮޅު ހަތަރު ޓީމުގެ ތެރޭގައިި ހިމެނިއްޖެނަމަ އެކަންޏެވެ.
މިރޭ ކުޅޭ ފުރާންސާއި ޕޯޗުގަލްގެ ޓީމުގެ ސްކޮޑަށް ބަލާލާއިރު ދެޓީމުގައި ވެސް އިންޖަރީގެ މައްސަލަ އެބައޮތެވެ. ފުރާންސްގެ އޮސްމާނޭ ޑެންބެލޭގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން މިމުބާރާތުގައި ދެން އިތުރަށް ނުކުޅެވޭއިރު ޕޯޗުގަލްގެ ކެންސަލޯ ކޮވިޑަށް ޕޮސިޓިވްވުމާ ގުޅިގެން މިރޭގެ މެޗުގައި ނުފެންނާނެއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖްގެ އެންމެފަހު މެޗުތައް މިރޭ ކުޅެވިގެންދާއިރު ގަދަ 16 ވެސް މިރޭ ޔަގީންވާަނެއެވެ. މިރޭ 4 މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. އެއީ ގުރޫޕް އީގެ ދެމެޗާ ގުރޫޕް އެފްގެ ދެމެޗެވެ.
ބައްދަލުކުރާ މެޗުތަކެވެ. މަތީގައިވާ ހުރިހާ ވަގުތުތަކެއްވެސް އެވަނީ ދިވެހިރާއްޖޭގެ ގަޑިއާ ދިމާވާ ގޮތަށެވެ.