twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސްވިޑެންއާއި ސްޕެއިން ގަދަ 16 އަށް

މުޙައްމަދު އަހުމަދު
Jun 23, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިރޭ ކުޅެވުނު މެޗުތަކުން ހޯދި މޮޅާއެކު ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސްވިޑެން ދެވަނަ ބުރަށް ދަތުރުކުރިއިރު ސްލޮވޭކިއާ ބަލިކޮށް ސްޕެއިން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ސްވިޑެންއިން ދެވަނަ ބުރަށް މިދަތުރުކުރީ 3 - 2 ން ޕޮލެންޑް ބަލިކޮށްގެނެވެ. މިމެޗުންވީ ބައްޔާއެކު ޕޮލެންޑް މިވަނީ މުބާރާތަށް އަލްވަދާއުކިޔާފައެވެ. މިމެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ޕޮލެންޑުން ސްވިޑެންގެ ގޯލަށް މުޅިއެކު 18 ހަމަލާއެއް ފޮނުވާލާފައިވާއިރު ގޯލާ އަމާޒުވެފައިވަނީ އެންމެ 6 ހަމަލާއެވެ. ނަމަވެސް މެޗު ފަށައިގެން ވަރަށް ކުރީކޮޅު ސްވިޑެންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. 2 ވަނަ މިނެޓުގައި ސްވިޑަންގެ އެމިލް ފޯސްބާގް އޭރިއާގެ އަރިމައްޗަކުން ގޯލުގެ ތިރީކަނަށް އަމާޒުކޮށްލައިގެން މިގޯލު ކާމިޔާބުކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން ސްވިޑެން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޕޮލެންޑްގެ އޭރިއާ ތެރެއަށް ވަދެފައި ޑޭޖާން ކުސުލެވްސްކީ ފޯސްބާގަށް ޖައްސާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެން އޭނާވަނީ ސްވިޑަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ ދެމިނެޓު ފަހުން ޕޮލެެންޑަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. ލެވަންޑޮސްކީ ވަނީ އޭރިއާ ތެރެއިން ސްވިޑަންގެ ޑިފެންޑަރުންގެ މެދުގައި ހުރެފައި ގޯލުގެ މަތީކަނަށް މިބޯޅަ އަމާޒުކޮށްލާފައެވެ. މެޗުގެ ނަތީޖާ 84 ވަނަ މިނެޓުގައި ޕޮލެންޑަށް ހަމަހަމަކޮށްދިނީވެސް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ލެވަންޑޮސްކީއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި ވިކްޓާ ކްލައެސަން ވަނީ ލަނޑެއް ޖަހާ ސްވިޑަން މޮޅުކޮށްދީފައެވެ.

މިގުރޫޕްގެ އަނެއް މެޗު ސްޕެއިންގެ ސެވިލްގައި ކުޅެވުނުއިރު ސްޕެއިނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން 5-0 އިން ސްލޮވާކިއާ އަތުން މޮޅުވެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މިމެޗުގައި 5 ގޯލު ފެނިގެން ގޮސްފައިވާއިރު މިހާތަނަށް މިމުބާރާތުގެ މެޗެއްގައި ސްޕޭނުން 5 ލަނޑު ޖަހާފައެއްނުވެއެވެ. ސްޕެއިންގެ ފުރަތަމަ ލަނޑަކީ ސްލޮވޭކިއާގެ ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޖެރާޑް މޮރޭނޯ ނަގައިިދިން ހުރަހަކުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިންއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓް އެވެ. ދެވަނަ ހާފު ފެށިގެން 10 މިނެޓުތެރޭ ސްޕެއިންވަނީ 3 ވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ޕަބްލޯ ސަރާބިއާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ސްޕެއިންގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރެސްއެވެ. ސްޕެއިންގެ 5 ވަނަ ލަނޑަކީ ސްލޮވޭކިއާގެ ޖޫރަޖް ކުޗްކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355