ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހުމެޗުގައި މިރޭ ޖަރުމަނާ ހަންގޭރީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ އަނެއްބުރަށް ޖަރުމަނު ދަތުރުކުރިއިރު ހަންގޭރީން މުބާރާތަށް އަލްވަދާއުކިޔައިފިއެވެ.
ޖަރުމަނުގެ މިއުނިކްގައި ކުޅެވުނު މިމެޗު ނިމިފައިވަނީ 2 - 2 ން އެއްވަރުވެގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ހަންގޭރީންނެވެ. ޖަރުމަނުގެ ކުޅުންތެރިން ހާސްކޮށްލާ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން އެޑަމް ޒަލާއީއެވެ. ރޯލަންޑް ސަލާއި ނަގައިދިން ހުރަހަކުން އޭނާ މިލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. އޭގެފަހުން ޖަރުމަނަށް ވަނީ މެޗުގެ ނަތީޖާ ހަމަކުރަން ރަނގަޅު ފުރުސަތެއް ލިބި ކާމިޔާބުވާގޮތް ނުވެފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ހަމަލްސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފު ފަށައިގެން ޖަރުމަނުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކިމިޗް ނަގައިދިން ބޯޅަ ހަވާޓްސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ޖަރުމަނުން ނަތީޖާ ހަމަކުރިތާ މިނެޓެއްގެ ތެރޭގައި ހަންގޭރީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ޓީމުގެ ކެޕްޓަން އެޑަމް ޒަލާއި ޖައްސާލި ބޯޅަ ޖަރުމަނުގެ ކީޕަރު ނޯޔާގެ އަތުގައި ޖެހުމުގެ ކުރިން ހަންގޭރީގެ އަންޑްރެއަސް ޝާފާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ޖަރުމަނަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަކުރެވުނީ މެޗުގެ 84 ވަނަ މިނެޓުގައި ލެއޯން ގޮރެޓްޒްކާ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލުމުންނެވެ. މިގޯލު މަތަކުރެވޭ ގޮތް ހަންގޭރީގެ ކީޕަރު ގުލާޝީއަށް ވަނީ ނުވެފައެވެ. ޖަރުމަނުން ދެވަނަ ބުރުގައި ވާދަކުރާނީ އިންގްލޭންޑާއެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.