އިންޖީނުގޭގެ މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެފި އެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި ކަރަންޓް ކަނޑަނީ އަލަށް ގެނައި އެޗްވީ ޕެނަލް ބޯޑްތަކެއް އިންސްޓޯލްކުރުމަށެވެ.
ފެނަކަ އިން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓް ކަނޑައިގެން ކުރަން ޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް 26 ވާ ހޮނިހިރު ދުވަހު ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާނެ އެވެ. އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ހަމަޖެހިފައިވަނީ އެކި ވަގުތުތަކުގައި ކަމަށާއި އެކަމަކު ކަރަންޓް ކަނޑާނީ ހެނދުނު 8:30-12:30 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.
ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓޯނިކް އަދި އިލެކްޓްރިކް ސާމާނު ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް ފެނަކައިން އިލްތިމާސްކުރެ އެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެފަރާތުން ވަނީ މާއަފަށް އެދިފަ އެވެ.
އަލަށް ގެނައި އެޗްވީ ޕެނަލް ބޯޑްތަކެއް އިންސްޓޯލްކުރުމަށް ކަރަންޓް ކަނޑާއިރު އެކަމަށް ޖުމްލަ ހަތަރުދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށް ފެނަކައިގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު ޖައްސަ ޖައްސައިގެން ކޮންމެ ދުވަހަކު ކަރަންޓް ކަނޑާލުމުގެ ބަދަލުގައި އެ މަސައްކަތްކުރާނީ އެކި ދުވަހަށް ބަހާލައިގެން ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އެކި ދުވަސް މަތިން ކަރަންޓް ކަނޑަން ހަމަޖެހިފައިވީނަމަވެސް ބައެއް ދުވަސްތަކުގައި ކަރަންޓް ނުކެނޑޭނެ ސަރަހައްދުތައްވެސް ހުންނާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.