twitterviber whatsapp telegramfacebookyoutube instagram
6th May 2024

ވޭލްސް ކަޓުވާލައި ޑެންމާކް ކުއާޓާއަށް

މުޙައްމަދު އަހުމަދު
Jun 26, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލޭންޑްސްގެ އެމްސްޓެޑަމްގެ ޔޯހާން ކުރައިފް އެރީނާގައި ޑެންމާކާއި ވޭލްސް ބައްދަލުކުރި މެޗު 4 - 0 ގެ ނަތީޖާއަކުން ޑެންމާކް ކާމިޔާބުކޮށްފިއެވެ. މިމެޗުންވީ މޮޅާއެކު ޑެންމާކް ވެގެން ގޮސްފައިވަނީ މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.

މެޗު ފެށިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ ވޭލްސްއިންނެވެ. ޖޭމްސް ޖައްސާލި ބޯޅައަކުން ޓީމުގެ ކެޕްޓަން ގެރެތް ބޭލް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ކެސްޕާ ޑޮލްބާގް ވަނީ ޑެންމާކަށް ލީޑު ނަގައިދީފައެވެ. ޑެމްސްގާޑް ޖައްސާލި ބޯޅަ ޑޮލްބާގް ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 - 0 ން ޑެންމާކް ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި ޑޮލްބާގް ވަނީ ޑެންމާކަށް ލީޑު ފުޅާކޮށްދީފައެވެ. ޑެންމާކުގެ މާޓިން ބްރައިތުވެއިޓް ނަގައިދިން ހުރަސް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ވޭލްސްގެ ނެކޯ ވިލިއަމްސް ޖައްސާލި ބޯޅަ ޑޮލްބާގަށް ލިބުމާއެކު އޭނާ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ޑެންމާކަށް އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެންސަން ނަގައިދިން ބޯޅައަކުން މޭލާއެވެ. މިލަނޑަކީ ޖެންސަން ނަގައިދިން ބޯޅަ ވާތު ފައިން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މޭލާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ހަތަރުވަނަ ލަނޑު ފެނުނީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޑެންމާކްގެ ބްރައިތުވެއިޓްގެ ފަރާތުންނެވެ. ރެފްރީ ފުރަތަމަ ނިންމީ މިއީ އޮފްސައިޑެއް ކަމަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައި މިލަނޑުވަނީ ދީފައެވެ. ދެވަނަ ބުރުގެ އެހެން މެޗެއްވެސް މިރޭ ކުޅެވޭނެއެވެ. އެއީ ރާއްޖެ ގަޑިން މިރޭ ދަންވަރު ބާރަ ޖަހާއިރު އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރާ މެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355