އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އއ. ހިމަންދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.
ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ހިމަންދޫ އަށް މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.
މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންވެ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާލާތުގައި ވެސް ރާއްޖޭގެ އިތުރު ހަތް ރަށަށް މި ހިދުމަތް ދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތުރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެ އެވެ.
ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.