twitterviber whatsapp telegramfacebookyoutube instagram
7th May 2024

ނެދަލޭންޑްސް ލަދުގަންނަވާލާ ޗެކް ރިޕަބްލިކް ކުއާޓާއަށް

މުޙައްމަދު އަހުމަދު
Jun 27, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލޭންޑްސްއާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 2 - 0 ން ކާމިޔާބުކޮށް ޗެކު ރިޕަބްލިކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅެވުނު މިމެޗު 2 - 0 ން ޗެކް ރިޕަބްލިކުން ކާމިޔާބު ކުރިއިރު މިމެޗުގައި ނެދަލޭންޑްސްގެ ޑިފެންޑަރު މަތިއަސް ޑިލައިޓަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މެޗުގައި ޗެކް ރިޕަބްލިކްގެ ގޯލާ އަމާޒުކޮށް ނެދަލޭންޑްސްއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 51 ވަނަ މިނެޓުގައި ނެދަލޭންޑްސްއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ ކީޕަރު ވަސްލިޗް ކައިރިން ނައްޓާފައި އެބޯޅަ ޖަހަން މާލެން މަސައްކަތްކުރި ނަމަވެސް ވަސްލިޗް ވަނީ އެހަމަލާ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކްގެ ތޯމަސް ހޯލްޝްގެ ފަރާތުންނެވެ. ޗެކް ރިޕަބްލިކަށް ލިބުނު ކޯނަރަކުން ހޯލްޝް މިލަނޑު ކާމިޔާބުކުރިއިރު ނެދަލޭންޑްސްގެ ކުޅުންތެރިންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

މިލަނޑަށް ފަހުވެސް އެއްވެސް ދުލެއް ނުދީ ޗެކް ރިޕަބްލިކުން މަސައްކަތް ކުރަމުން ގެންދިޔައީ ދެވަނަ ލަނޑެއް ޖެހޭތޯ އެވެ. އެމަސައްކަތް ކާމިޔާބުވީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަނުމަށް ފަހު ފުރަތަމަ ލަނޑުޖެހި ހޯލްޝް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ޕެޓްރިކް ޝިކް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355