twitterviber whatsapp telegramfacebookyoutube instagram
6th May 2024

އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި ބެލްޖިއަމް ކުއާޓާ ފައިނަލަށް

މުޙައްމަދު އަހުމަދު
Jun 28, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. ސްޕެއިންގެ ސެވިލްގައި ކުޅެވުނު މިމެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ.

މިމެޗުގައި ޕޯޗުގަލުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގައި ޕޯޗުގަލުން އުފެއްދި ހަމަލާތައް ނާކާމިޔާބުކޮށްލާ ބެލްޖިއަމުން މިވަނީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަޓުވާލާފަ އެވެ. މިމެޗުގައި ޕޯޗުގަލުން ވަނީ ބެލްޖިއަމް ކޮޅަށް 23 ހަމަލާއެއް އުފައްދާފަ އެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ 4 ހަމަލާ އެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބެލްޖިއަމަށް ޖަހައިދިނީ ތޯގަން ހަޒާޑެވެ. އޭރިއާ ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީފަރު ރުއި ޕެޓްރީޝިއޯ އަތުގައި ލައްވާނުލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ބެލްޖިއަމް ކުރީގައި އޮވެގެނެވެ. މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލުން ވަނީ ވަރަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސްއަށް ލިބުނު ފުރުސަތެވެ. ބުރޫނޯ ފަނާންޑޭސް ނަގައިދިން ހުރަސް ޑިއާސް ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް އެހަމަލާ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ހުއްޓުވާފަ އެވެ.

މިމެޗުންވީ މޮޅާއެކު ބެލްޖިއަމް ކުއާޓާ ފައިނަލުގައި ނުކުންނާނީ އިޓަލީއާއި ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ އަންނަމަހު 3 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355