ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ފުރާންސާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބުކަރެސްޓްގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލޭންޑުންނެވެ. މެޗު ފެށުނީއްސުރެ ރަނގަޅަށް ކުޅެމުން ދިޔަ ސްވިޒަލޭންޑްގެ ޒެރްދާން ސަކީރީ ނަގައިދިން ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލާ މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާރިސް ސެފެރޮވިޗެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސްވިޒަލޭންޑަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް މިޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ފުރާންސުން ވަނީ 3 މިނެޓުތެރޭ ދެލަނޑުޖަހާ މެޗުގެ ނަތީޖާ އެމީހުން ކޮޅަށް އަނބުރާލާފަ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން ބެންޒެމާ ފުރާންސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު އޭގެ 2 މިނެޓު ފަހުން ގުރީޒްމަން ފޮނުވާލި ހަމަލާ އެއް ކީޕަރު އަތުގައި ޖެހިފައި ނުުކުތް ވަގުތު ގޯލު ކުރިމަތީގައި ހުރެފައި ބެންޒެމާ އެބޯޅަ ގޯލަށް ވައްދާލައިގެން ފުރާންސުން ވަނީ ލީޑު ނަގައިފަ އެވެ.
އޭގެ އިރުކޮޅެއްފަހުން މެޗުގެ 75 ވަނަ މިނެޓުގައި އޭރިއާ ބޭރުގައި ހަމަޖެހިލާފައިހުރެ ޕޮގްބާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ވަނީ ފުރާންސަށް މެޗުގެ ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް ފުރާންސަށް ލީޑު ދެމެހެއްޓުނީ ކުޑަކުޑަ އިރުކޮޅަކަށެވެ. 80 ވަނަ މިނެޓުގައި ސެފެރޮވިޗް ޖަހައިިދިން ލަނޑާއެކު ސްވިޒަލޭންޑުން ހިތްވަރު އާކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުވީ މެޗު ނިމެން މަދު ސިކުންތުކޮޅަކަށްވެފައި ވަނިކޮށް މާރިއޯ ގަވްރަނޯވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރާންސްގެ ކިންގްސްލޭ ކޯމަންއަށް ވަނީ ފުރާންސް މޮޅުކޮށްދޭން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ކޯމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރެން ކުޅެވުނު އިތުރު ވަގުތުގެ ދެހާފުގައިވެސް ލަނޑެއް ފެނިގެން ނުދިޔުމުން ދެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަކަށް ދާށެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ފުރާންސްގެ އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ޔޭން ސޮމާ ދިފާއުކުރުމުން ފުރާންސް މިވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް ނުކުންނާނީ ސުޕެއިނާއި ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.