twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސްވިޑަން ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުގެ ފަހު ޖާގަ ޔޫކްރޭނުން ހޯދައިފި

މުޙައްމަދު އަހުމަދު
Jun 30, 2021

ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗުގައި ސްވިޑަންއާއި ޔޫކްރޭން ބައްދަލުކޮށް 2 – 1 ގެ ތަފާތަކުން މިމެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ފަހު ޖާގަ ޔޫކްރޭނުން ހޯދައިފި އެވެ.

މިއީ ޔޫކްރޭން މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި ދެވަނަ ބުރާ ހަމައަށްވެސް އެޓީމު އައި ފުރަތަމަ ފަހަރެވެ. އެހެންކަމުން ރޭ ކުޅެވުނު މެޗު އެމީހުންނަށް ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ.

ސްކޮޓްލޭންޑްގެ ހެމްޕްޑެން ޕާކުގައި ކުޅެވުނު މެޗުގައި ފުރަތަމަ ހަމަލާއެއް އުފައްދާފައިވަނީ ޔޫކްރޭނުންނެވެ. ޔޫކްރޭންގެ އިތުބާރުހުރި ފޯވާޑް ރޯމަން ޔަރެމްޗުކް ގޯލާ ދިމާލަށް ފޮނުވާލި ޝޮޓް ސްވިޑަންގެ ކީޕަރު ރޮބިން އޮލްސެން ވަނީ ދިފާއުކޮށްފަ އެވެ. މެޗުގައި ޔޫކްރޭނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި އެޓީމުގެ މެދަށް ކުޅޭ ޒިންޗެންކޯ ގޯލުގެ މަތީކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައިންނެވެ. މިއީ ޔޫކްރޭންގެ ކެޕްޓަން އެންޑީ ޔާމެލަންކޯ ނަގައިދިން ހުރަހަކުން ޒިންޗެންކޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމިލް ފޯސްބާގް ވަނީ ސްވިޑަންއަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 1 – 1 ން އެއްވަރުވެގެނެވެ. ދެވަނަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ދެޓީމަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ 15 މިނެޓުގެ ދެހާފް ކުޅޭށެވެ. ދެޓީމަށް ލިބުނު ފުރުސަތުތައް ނާކާމިޔާބުވަމުންދާތީ އެންމެންނަށް ވެސް ހީވެފައި އޮތީ މެޗުގެ ނަތީޖާ ހޯދަން ޖެހޭނީ ޕެނަލްޓީ ޖަހަން ކަމަށެވެ. ނަމަވެސް ސްވިޑަންގެ ކުޅުންތެރިންނާއި ސަޕޯޓަރުން ސިއްސުވާލުމަށްފަހު އިތުރުވަގުތުގެ ފަހު މިނެޓުގައި ޒިންޗެންކޯ ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޓެމް ޑޮބްވިކް ވަނީ އެޓީމު ކުއާޓާ ފައިނަލަށް ގެންގޮސް ދީފަ އެވެ.

ކުއާޓާ ފައިނަލުގައި ޔޫކްރޭން ނުކުންނާނީ ޖަރުމަނު ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލަށް ދަތުރުކުރި އިންގްލޭންޑާ ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355