ނުރަނގަޅު އާދަތަކުގެ ސަބަބުން މީހާގެ ދިރިއުޅުމަށް އެތަކެއްގެ ގޮތަކުން އަސަރުކުރެއެވެ. ތިމާ ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކާއި ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމަށް ނުރަނގަޅު އާދަތައް ހުރަސްއަޅައެވެ. އަދި މިކަހަލަ އާދަތަކުގެ ސަބަބުން ތިމާގެ ސިއްހަތަށް އެތަކެއް ގެއްލުންތަކެއްވެއެވެ. ނަފުސާނީ އަދި ޖިސްމާނީ ގޮތުންވެސް އެތައް ގެއްލުމެއްވާއިރު ތިމާގެ ހަކަތައާއި ވަގުތު ވެސް ނުރަނގަޅު އާދަތަކުގެ ސަބަބުން ބޭކާރުވެއެވެ.
އެހެންކަމަށްވުމާއެކު އަހަރެމެން ނުރަނގަޅު އާދަތައް ގެންގުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި އެކަމާ ގުޅިގެން އަހަރެމެނަށް ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ؟ މިކަން ދެނެގަތުމަށް ކުރެވޭނެ ކަންތައްތަކަށް ބަލާލަމާ ހެއްޔެވެ؟
އާންމުގޮތެއްގައި ނުރަނގަޅު އާދަތަކަށް މީހާ ހުށައެޅެނީ ވިސްނަންޖެހޭ ކަންކަން ގިނަވުމުގެ ސަބަބުން ސްޓްރެސްވުމުންނާއި ފޫހިވުމުގެ ސަބަބުންނެވެ. ގިނަ ވަގުތުތަކުގައި ނުރަނގަޅު އާދަތަކަކީ ސްޓްރެސްއާއި ކުރިމަތިލާން ގެންގުޅޭ ހަތިޔާރަކަށްވެއެވެ. އަތުގައިހުންނަ ނިޔަފަތިތައް ކެއުމުން ފެށިގެން ގޮސް ޝޮޕިންގް މޯލްތަކުގައި ހުންނަ އެއްޗެހި ގަނެ ބޭކާރު ހަރަތުތައްކުރުމާއި ކޮންމެ ހަފްތާ ބަންދެއްގައި ރާބުއިމާއި ސޯޝަލް މީޑިއާގެ ޕުލްޓްފޯމްތަކުގައި މުޅި ވަގުތު ހޭދަކޮށްލުމަކީ ސްޓްރެސްއާއި ފޫހިކަން ފިލުވާލަން އެންމެ އާންމުގޮތެއްގައި މީހުންކޮށްއުޅޭ ކަންތައްތަކެވެ.
ނަމަވެސް މިކަންކަން މިހެން ހުންނާކަށް ނުޖެހެއެވެ. ސްޓްރެސްއާއި ފޫހިކަމާ ކުރިމަތި ލެވޭނެ ސިއްހަތަށް ފައިދާހުރި ގޮތްތައް ހޯދައި ނުރަނގަޅު އާދަތަކުގެ ބަދަލުގައި އެކަންކަން ކުރަން ތިމާގެ އަމިއްލަ ސިކުނޑިއަށް ވިސްނައިދެވޭނެއެވެ. އެހެނަމަވެސް ސްޓްރެސް އާންމުކޮށްވެފައި ތިބެވެނީ ކުދިކުދި ކަންކަމަކާ ނޫނެވެ. ވިސްނަން ޖެހޭ އެތައް ކަމެއް ހުންނައިރު މިއީ ވަރަށް ބޮލުގައިރިހުން އިތުރުވާ ވަރަށް ބޮޑުކަމެކެވެ. ނަމަވެސް ބަދަލުތައް ގެންނަން އަޒުމު ކަނޑައަޅައިން އެކަމަށް މަސައްކަތްކޮށްފިނަމަ މިކަންކަންވެސް ހާސިލްވާނެއެވެ.
މިކަހަލަ ކަންކަމުން އެންމެ ފަސޭހައިން އަރައިގަނެވޭނީ މިކަމުގެ މޫގަނޑު ހޯދިގެންނެވެ. މިކަންކަން ދިމާވާ ސަބަބު ދެނެގަތުމަކީ ނުރަނގަޅު އާދަތަކުން އަރައިގަންނަން އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ. އެހެންކަމުން އެކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދިރިއުޅުމުގައި ކޮންމެ ކަމެއް ވެސް ދިމާވަނީ ކޮންމެވެސް ސަބަބަކާ ހުރެއެވެ. އެހެންކަމުން މިހުންނަ އާދަތައްވެސް ދިރިއުޅުމުގައި މިގެންގުޅެނީ ކޮންމެވެސް ސަބަބަކާހުރެއެވެ. އެއީ އަދި ރަނގަޅު އާދަތަކެއް ނުވަތަ ނުރަނގަޅު އާދަތައް ކަމުގައިވީ ނަމަވެސް އެވެ. މިއާދަތަކުގެ ސަބަބުން ބައެއް ގޮތްގޮތުން ގެއްލުންވީ ނަމަވެސް މިކަންކަމުގެ ސަބަބުން ފައިދާވެސް ކޮންމެސް ގޮތަކުން ވެއެވެ.
ނުރަނގަޅު އާދަތަކުގެ ސަބަބުން ކޮންމެވެސް ކަހަލަ ފައިދާތަކެއްވާއިރު އެކަންކަން ކުއްލިއަކަށް ނައްތާލުމަކީ އުދަނގޫ ކަމެކެވެ. ކަމެއް ހުއްޓާލާށޭ ބުނުމުން އެކަމެއް ހުއްޓާލުމަކީ ވަކި ފަސޭހަކަމަކަށް ނުވަނީ މިހެންވެއެވެ. އޭގެ ބަދަލުގައި ހަމަ އެކަހަލަ ފައިދާ ލިބޭ އެކަން އެހެން ކަމަކަށް ބަދަލުކޮށްލުމުން މާ ރަނގަޅު ވާނެއެވެ. މިސާލަކަށް ސްޓްރެސްވުމުން ސިނގިރޭޓް ބޯނަމަ އެކަން ހުއްޓާލަން އުދަނގޫވާނެއެވެ. އެހެންވީމާ ހުއްޓާލުމުގެ ބަދަލުގައި އެހެންގޮތެއް ހޯދާ ސިނގިރޭޓްގެ ބަދަލުގައި އެކަން ކުރެވޭނެއެވެ.
އެކަމަށް މަގުފަހިވާ ހުރިހާ ރާސްތާއެއް ބަންދުކުރުން: އެގޮތުން ބާތަކަށް ގޮސް ރާބޮއެ ދުންފަތުގެ އިސްތިއުމާލް ކުރެވޭނަމަ އެތަންތަނަށް ނުދިއުމާއި ގޭގައި ސިޓިންގް ރޫމްގައި އުޅޭއިރު އަބަދު ޓީވީ ބެލެންޏާ ރިމޯޓް ފޮރުވުންފަދަ ކަންކަން ކުރެވިދާނެއެވެ.
ތިމާ ދިރިއުޅޭ މާހައުލުގައި ނުރަނގަޅު ސިފަތައް ދޫކޮށްލަން އުދަނގޫ ވެފައި ރަނގަޅު އާދަތަކުގައި ހިފަން އުދަނގޫވާނަމަ އެންމެ ރަނގަޅު ގޮތަކީ އެމާހައުލު ބަދަލުކޮށްލުމެވެ.
ރަނގަޅު އާދަތައް ގެންގުޅޭ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރުން: ކުރިން އެކުގައި އުޅުން މީހުން ދޫނުކޮށްލި ނަމަވެސް ތިމާ އުޅެން ބޭނުންވާ ގޮތަށް އުޅޭ މީހުންނާ ގުޅުން ބަދަހިކުރުމަކީވެސް ނުރަނގަޅު އާދަތައް ދޫކޮށްލަން ފަސޭހަވާ އެއް ސަބަބެވެ.
އެހެންކަމުން ނުރަނގަޅު އާދަތައް ތިމާގެ ދިރިއުޅުމުން ނައްތާލަން ބޭނުންނަމަ ބޭނުމީ ކުޑަކުޑަ ހިތްވަރެކެވެ. މިއީ އުޅެފިނަމަ އަހަރެމެން ތެރެއިން ކޮންމެ މީހަކަށް ކުރެވޭނެ ކަމެކެވެ.