ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއަށް، މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް މިއަދު ކުޅުދުއްފުށި ސިޓީގައި ބޭއްވި އެއްވުމަށް ފިނި ތަރުހީބެއް ލިބި ނިންމާލައިފި އެވެ.
ނަފުރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް ރައްޔިތުން ޝުއޫރުފާޅުކުރުމަށް މިއަދު ހަވީރު ބަންޑާރަ މައިދާނުގައި އެއްވުމެއް އޮންނާނެކަމަށް އަޑުގަދަކުރާއިން ރަށުތެރޭގައި ގޮވާފައިވެ އެވެ. 4:15 އަށް އެއްވުމަށް ގޮވިއިރު އެތަނަށް އެއްވީ މަދު ބަޔެކެވެ. އެކަން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ހުސެއިން އަލީ އާއެކު އެތަނުގައި ތިބީ ޖުމްލަ 13 މީހެކެވެ.
އެތަނަށް އެއްވެ ތިބީ އެންމެ އަންހެނަކާއި 12 ފިރިހެނުންނެވެ. މީހުން މަދުވުމުގެ ސަބަބުން ފޮޓޯއެއް ނެގުމަށްފަހުން ވަނީ އެއްވުން ނިންމާލާފަ އެވެ. ފަހެއް ޖަހަންވާއިރަށް އެތަނުން މީހުން އެކޮށް ހުސްވެއްޖެ އެވެ. އެއްވުމަށް ތަރުހީބު ކުޑަވުމުން ހަރަކާތުގައި ޝުއޫރުފާޅުކޮށް ހިނގާލުމެއްހެން ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.
މި އެއްވުމަށް މަދު ބަޔަކު ދިޔަ ނަމަވެސް ބިލު އަނބުރާ ނެގުމަށް ބާރު އެޅުމުގެ ގޮތުން، ކުޅުދުއްފުށިން މީގެ ކުރިން ވަނީ 672 މީހަކު ސޮއިކޮށް، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުން މަޖިލީހަށް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.
ނަފުރަތުގެ ބިލު އަނބުރާ ނެގުމަށް ގޮވާލައި 101 އިލްވެރިވެރިޔަކުވެސް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް، ރައީސަށް ހުށަހަޅާފަ އެވެ. އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އުންމަތް ހަމަ މަގަށް އަޅުވައި، ހެޔޮކަންތައް އާންމުކޮށް ނުވއިކަންތައް މުޖުތަމައުން ނައްތާލުމަކީ އެ ބަޔެއްގެ އިސްވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް ކަމަށެވެ.
އަދި ނަފުރަތުގެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް، އިސްލާމީ މުޖުތަމައަކުން އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އަދި ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.