ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދުނު ކަންތައްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ އުންމީދީ ޖަވާބުތަކެއް ކަމަށް ކައުސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ އިއްޔެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ހުށަހެޅުވި ކަންތައްތައް ފާހަގަ ކުރައްވަމުންނެވެ.
އެގޮތުން އާތިފް ވިދާޅުވީ ގެދޮރު ވެރިޔާ ލޯން ސްކީމުގެ ސަބަބުން އަމިއްލަބިން ހުރި ފަރާތްތަކަށް ގެދޮރު އިމާރާތް ކުރުމަށް މަގެއް ފަހިވެގެން ދިޔަ ކަމުގައި ވީނަމަވެސް ކުޅުދުއްފުށި ސިޓީގައި އަމިއްލަ ބިންނެތި ބޯހިޔާވެހި ކަމަށް ބޭނުން ވެފައި އެތައް ބަޔަކު ތިބި ކަމަށާއި މި ފަރާތްތަކަށް އަމާޒު ކޮށްގެން ހައުސިން ޕްރޮޖެކްޓެއް ފައްޓަވައި ދެއްވުމަށް އެދުނިން ކަމަށެވެ.
ސިޓީ ކައުންސިލަކުން ދޭން ލާޒިމް ކުރާ ރަށްވެހި ކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ސިޓީ ތަކާއި އަޅާ ބަލާއިރު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަދަދު މަދުވެފައި މުހިންމު ބައެއް މަގާމުތައް ހުސްކޮށް ހުރުން ކަމަށާއި އެ މަގާމްތަކަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ހަމަޖައްސައި ދެއްވުމަށް އެދުނު ކަމަށް މޭޔަރު ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެމްކޯ މެދުވެރިކޮށް ހަމަޖެއްސުމަށްޓަކައި އެކަމަށް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް އެދުނު ކަމަށާއި މި ސިޓީގެ ޓާޝިއަރީ ހޮސްޕިޓަލް ޤާއިމު ކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދުނު ކަމަށެވެ.
މީގެ އިތުރުން މަގުހެދުމުގެ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެޔަށް ޑީވޯޓަރިން އަދި ފަޔާ ހައިޑްރަންގެ ނިޒާމް އިތުރު ކޮށްދެއްވުމަށާއި ކުޅުދުއްފުށި އެއާޕޯޓް މަޝްރޫގެ އީއައިއޭ ރިޕޯޓްގައިހުރި ގިނަ ކަންކަން ފުރިހަމަނުވެ ހުރުމުން އެކަންކަމަށް ހައްލު ހޯދައިދެއްވާ އެއާޕޯޓްގެ ރަންވޭ ލައިޓް، ހުޅަނގުކޮޅު ކަނޑުތޮށި މަރާމާތުކުރުން އަދި ރެސްޓޯރެންޓްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ވެސް އެދެފައިވާނެ ކަމަށެވެ.
އެއާޕޯޓްގެ އުތުރުން އޮތް ބިމުގެ ބޭނުން ހިފޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށާއި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދުނު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅވީ މި ހުރިހާ ކަމަކަށްވެސް ރަައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް ކަމަށެވެ.