ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސުޕެއިނާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ސުޕެއިނުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ލަނޑެއް ނުޖެހި ޕެނަލްޓީ ޖަހައިގެން 3 – 1 ން ސުޕެއިން މޮޅުވިއިރު މިއީ ވޭތުވެދިޔަ ނުވަ އަހަރުތެރޭ ސުޕެއިނަށް ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލް ހުރަސް ކުރެވުނު ފުރަތަމަ ފަހަރެވެ. މެޗުގެ ވަރަށް ކުރީކޮޅު ސުޕެއިނުން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ 8 ވަނަ މިނެޓުގައި ސުޕެއިނަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ކޯކޭ ނަގައިދިން ބޯޅަ ޖޯޑީ އަލްބާ ކުރިއަށް ފޮނުވާލިތަނާ ސްވިޒަލޭންޑްގެ ޑެނިސް ޒަކަރިއާގެ ފައިގައި ޖެހި މިސްރާބް ބަދަލުވެ ގޯލުގެ ތެރެއަށް ވަނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 1 – 0 ން ސުޕެއިން ކުރީގައި އޮވެގެނެވެ.
ސްވިޒަލޭންޑުން މެޗުގެ ނަތީޖާ ހަމަކޮށްފައިވަނީ ދެވަނަ ހާފުގައި 68 ވަނަ މިނެޓު އެވެ. ސުޕެއިންގެ ޕައު ޓޮރެސްއާއި އައިމެރިކް ލަޕޯޓްއަށް ހެދުނު ގޯހެއްގެ ސަބަބުން ކުރިއަށް އަރާ ސްވިޒަލޭންޑްގެ ފުރުއެލާ ހުރަސްކޮށްލި ބޯޅަ ހަމަޖެހިލާފައި އެޓީމުގެ ކެޕްޓަން ސަގީރީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. މިއީ މިމުބާރާތުގައި ސަގީރީ ޖެހި ތިންވަނަ ގޯލެވެ. އޭގެ ދިހަ މިނެޓް ފަހުން ފުރުއެލާ ސުޕެއިންގެ ޖެރާޑް މޮރީނޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާދެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު ސްވިޒަލޭންޑްގެ ގަވްރާނޮވިޗްގެ ޕެނަލްޓީ ފިޔަވާ އެޓީމުގެ އެހެން ހުރިހާ ޕެނަލްޓީއެއް ނާކާމިޔާބުވެފައިވާއިރު ސުޕެއިންގެ ސާޖިއޯ ބުސްކެޓްސްއާއި ރޮޑްރީގެ ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ސުޕެއިންގެ ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށް ދިނީ އޮލްމޯ އާއި މޮރީނޯ އަދި އޮޔާޒަބަލް އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ސުޕެއިން ނުކުންނާނީ އިޓަލީއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.