twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑެންމާކާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުގެ އުސްއަލިތައް

މުޙައްމަދު އަހުމަދު
Jul 3, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ އެންމެފަހު މެޗުތައް މިރޭ ކުޅެވޭއިރު އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވެނީ ޑެންމާކާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗެވެ.

މިމެޗަށް ދެޓީމު ކުރިމަތިލާއިރު ދެޓީމުން ވެސް ގަދަ 16 ގައި ނުކުޅެވުން ކުޅުންތެރިންނަށް މިރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ފަޔަށް ލިބުނު އަނިޔާއިން މުޅިންހެން ރަނގަޅުވެ ޗެކްގެ ކެޕްޓަން ވްލަޑިމިއާ ޑަރީޑާ އެނބުރި އައިސްފައިވާއިރު އެއް މެޗުގެ ސަސްޕެންޝަނަކަށް ފަހު އެޓީމުގެ ޖެން ބޮރިލްއަށް ވެސް މިމެޗުގައި ކުޅެވޭނެ އެވެ.

އިންޖަރީއަށްފަހު ޑެންމާކުގެ ޔޫސުފް ޕޯލްސަން ވެސް އަލުން ޓީމާ ގުޅިފައިވީ ނަމަވެސް އޭނާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ކެސްޕާ ޑޮލްބާގް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވޭލްސް ކޮޅަށް ދެލަނޑު ޖަހާފަ އެވެ. ބުދަދުވަހުގެ ޕުރެކްޓިސްގައި މިޑްފީލްޑަރު ތޯމަސް ޑެލާނޭއާއި ޑިފެންޑަރު ސިމޮން ކަޖާ ނުފެނުނު ނަމަވެސް މިރޭގެ މެޗަށް ފިޓުވާނެ ކަމަށް ބެލެވެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިދެޓީމު ވާދަކުރާ މިއީ ތިންވަނަ ފަހަރެވެ. ކުރިން ކުޅެވުނު ދެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ ޗެކުންނެވެ. ޔޫރޯ 2000 ގެ ގުރޫޕް ސްޓޭޖްގައި 2 – 0 ން ޗެކް މޮޅުވިއިރު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކުންވަނީ ޑެންމާކުގެ މައްޗަށް 3 – 0 ގެ ބޮޑު ތަފާތަކުން ކުރިހޯދާފަ އެވެ.

ޗެކް ރިޕަބްލިކް:

ޗެކް ރިޕަބްލިކްގެ ތާރީހުގައި މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެޓީމު ކުޅޭ ހަތަރުވަނަ ކުއާޓާ ފައިނަލެވެ. އެތަނުން ދެމެޗުން އެޓީމު މޮޅުވެފައިވާއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2012 ވަނަ އަހަރުގެ މުބާރާތުގައި 1 – 0 ގެ ނަތީޖާއަކުން ޕޯޗުގަލް އަތުންނެވެ.

މިމުބާރާތުގައި އާދަޔާ ހިލާފު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެކްގެ ޒުވާން ތަރި ޕެޓްރިކް ޝިކްވަނީ އޭނާ ޗެކް ރިޕަބްލިކަށް ކުޅުނު 30 މެޗުގައި 15 ގޯލު ޖަހާފަ އެވެ. މިފަހަރުގެ ޔޫރޯގައިމިހާތަނަށް ކުޅުނު 4 މެޗުން އޭނާވަނީ 4 ގޯލު ޖަހާފަ އެވެ. މިހާތަނަށް ކުޅުންތެރިއަކު ކުޅުނު ފުރަތަމަ ޔޫރޯގައި ފަސް ލަނޑު ޖެހިފައިވަނީ އެންމެ ފަސް ކުޅުންތެރިންނަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕެޓްރިކް ޝިކް ވަނީ އެހެން ކުޅުންތެރިއަކަށްވުރެ ގިނައިން އޭނާގެ ވާތު ފައިން ލަނޑުޖަހާފަ އެވެ. މިހާތަނަށް އެއް މުބާރާތެއްގައި ވާތު ފައިން ތިން ލަނޑުޖަހާފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ 2016 ގެ ޔޫރޯގައި ހަތަރު ލަނޑު ވާތު ފައިން ޖަހައިގެން އެންޓުއާން ގްރީޒްމަން އެވެ.

ޑެންމާކް:

4 -1 ން ރަޝިއާ ބަލިކޮށް 4 – 0 ން ވޭލްސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި ޑެންމާކަކީ ޔޫރޯގެ ތާރީހުގައި ޖައްސަ ޖައްސައިގެން ދެމެޗުގައި ހަތަރަކަށްވުރެ ގިނަ ލަނޑުޖެހި ފުރަތަމަ ޓީމެވެ. ޔޫރޯގައި މިހާތަނަށް މުޅިއެކު އެޓީމުން 9 ލަނޑު ޖަހާފައިވާއިރު މިއީ ބޮޑުމުބާރާތެއްގައި 1986 ގެ ވޯލްޑްކަޕްގައި 10 ލަނޑު ޖެހިފަހުން އެޓީމު ބޮޑު މުބާރާތެއްގައި ޖެހި އެންމެ ގިނަ ލަނޑެވެ.

ބޮޑެތި މުބާރާތްތަކުގައި ޑެންމާކުން ކުޅުނު އެންމެ ފަހު ދެ ކުއާޓާއިން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. 1198 ގެ ވޯލްޑް ކަޕްގައި ބުރެޒިލް އަތުން ބަލިވިއިރު 2004 ގެ ޔޫރޯގައި ޗެކް ރިޕަބްލިކް އަތުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗު މިއީ ޑެންމާކަށް 2004 ގެ ބަދަލުހިފައި ތައްޓެއް ހޯދުމަށް ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ގާތެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355