twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮޑު ތަފާތަކުން މޮޅުވެ ސެމީގެ ފަހު ޖާގަ އިނގިރޭސިންނަށް

މުޙައްމަދު އަހުމަދު
Jul 4, 2021

އިޓަލީގެ ރޯމްގައި މިރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ބޮޑު ތަފާތަކުން ޔޫކްރޭން ބަލިކޮށް އިންގްލޭންޑުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިމުބާރާތުގައި އިންގްލޭންޑް ކޮޅަށް އަދި އެންމެ ގޯލެއް ވެސް ވަދެފައި ނުވާއިރު މިމެޗު ވެސް އިންގްލޭންޑުން ކާމިޔާބުކުރީ އަމިއްލަ ގޯލަށް ލަނޑެއް ވަނަ ނުދީ އެވެ. މިއީ 4 - 0 ން ރަށުން ބޭރުގައި މިމުބާރާތުގެ ނޮކްއައުޓް މެޗަކުން އިންގްލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ޖައްސަ ޖައްސައިގެން ދެފަހަރު ބޮޑު މުބާރާތެއްގެ ސެމީން އިންގްލޭންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މެޗުގެ ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ރަހީމް ސްޓާލިންގް ޖައްސާލި ބޯޅަ ކޭން ގޯލުގެ ތެރެއަށް ފޮނުވާލީ ޔޫކްރޭންގެ ކީޕަރު ބުސްޗަންގެ ގައިގައި ޖައްސާފަ އެވެ. މީގެ ފަހުންވެސް އިންގްލޭންޑަށް ވަނީ ލަނޑު ޖަހަން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1 - 0 ން އިންގްލޭންޑް ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އިންގްލޭންޑްގެ ހެރީ މެގުއާ އެޓީމަށް ދެވަނަ ލަނޑެއް ޖަހައިދިންއިރު އޭގެ ހަތަރުވަރަކަށް މިނެޓުފަހުން ލޫކް ޝޯ ނަގައިދިން ހުރަހަކުން ކޭންވަނީ ބޮލުން ލަނޑެއް ކާމިޔާބުކޮށްދީ މެޗުގައި އިންގްލޭންޑަށް 3 ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. ކޭންއަށް ހެޓްރިކް ފުރިހަމަކުރަން މެޗުގެ 61 ލިބުނު ފުރުސަތުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ކީޕަރު ބުސްޗާން ކޯނަރަކަށް ބޭރު ކޮށްލުމުން އޭގެ ބޭނުން ހިފާ އެކޯނަރުން އިންގްލޭންޑްގެ ޖޯޑަން ހެންޑަސަން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުންވެސް ދެޓީމަށް ވަނީ މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފަ އެވެ.

މިމެޗުންވީ މޮޅާއެކު އިންގްލޭންޑް ސެމީ ފައިނަލުގައި މިމަހުގެ އަށްވަނަ ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކް ކަޓުވާލާއި ސެމީއަށް ދަތުރުކުރި ޑެންމާކާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355