ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ނިމިފައިވާއިރު އަންނަ ބުދަދުވަހު ސެމީ ފައިނަލުގެ މެޗުތައް ފެށޭނެ އެވެ. މިމެޗުތައް ކުޅެވޭނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު އެވެ.
މިފަހަރުގެ ޔޫރޯ ވެގެން ގޮސްފައިމިވަނީ އެންމެން އުއްމީދުކުރިކަހަލަ ޔޫރޯއަކަށް ނޫނެވެ. ހީނުކުރާ ކަހަލަ ނަތީޖާތައް ނުކުންނަމުންދާއިރު ފުޓްބޯޅަގެ ބޮޑެތި ބާރުތައް ދަނީ ކަޓަމުންނެވެ. އޭގެ ތެރޭގައި އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން ޕޯޗުގަލާއި އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމުގައިވާ ފުރާންސާއި ދނިޔޭގެ ރޭންކިންގް އެއްވަނައިގައި އޮތް ބެލްޖިއަމްގެ އިތުރުން ތިންފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަންވެސް ވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ އިނގިރޭސިވިލާތާއި ޑެންމާކާ އިޓަލީ އަދި ސުޕެއިނެވެ. ފޯރިގަދަ ކުއާޓާ ފައިނަލުގެ މެޗުތަކަކަށް ފަހު ސެމީ ފައިނަލާ މިޓީމުތައްކުރިމަތިލާއިރު އިނގިރޭސިވިލާތް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އަދި އިޓަލީ ނުކުންނާނީ ސުޕެއިނާއި ދެކޮޅަށެވެ.