ކުއާޓާ ފައިނަލުގައި ރޭ ޔޫކްރޭން ބަލިކޮށް އިންގްލޭންޑް މިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އިންގްލޭންޑް 1 – 0 ކޮރޭޝިއާ
އިންގްލޭންޑް 0 – 0 ސްކޮޓްލޭންޑް
އިންގްލޭންޑް 1 – 0 ޗެކް ރިޕަބްލިކް
އިންގްލޭންޑް 2 – 0 ޖަރުމަން
އިންގްލޭންޑް 4 – 0 ޔޫކްރޭން
އިންގްލޭންޑް ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އޭގައި ކުޅެވުނު 8 މެޗުގެ ތެރެއިން 7 މެޗު ކާމިޔާބުކޮށްގެނެވެ. އަނެއް މެޗުން އެޓީމުވަނީ ބަލިވެފަ އެވެ. ކޮލިފައިންގައި އިންގްލޭންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ. އޭނާ ވަނީ 12 ލަނޑު އެޓީމަށް ޖަހައިދީފަ އެވެ.
މުބާރާތުގައި މިހާތަނަށް އިންގްލޭންޑްގެ ޓޮޕް ސްކޯރާސް އަކީ 3 ގޯލާއެކު ޓީމުގެ ކެޕްޓަން ހެރީ ކޭންއާއި ރަހީމް ސްޓާލިންގް އެވެ. ޔޫރޯގައި އިންގްލޭންޑަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް ބަލާއިރު އިންގްލޭންޑުން ވަނީ 1968 ވަނަ އަހަރުގެ ޔޫރޯގެ ތިންވަނަ ހޯދާފަ އެވެ. އެންމެފަހުން ބޭއްވި ޔޫރޯގައި އެޓީމު ކެޓީ ގަދަ 16 ގައި އައިސްލޭންޑް އަތުން ބަލިވެގެންނެވެ.
ސައުތްގޭޓްގެ އިރުޝާދުގެ ދަށުން އިންގްލޭންޑް ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައިވެސް ސައުތްގޭޓް ވަނީ އިންގްލޭންޑް ޓީމަށް ކުޅެދީފަ އެވެ.
އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. 2020/21 ވަނަ ސީޒަނުގައި ކޭން ވަނީ ޓޮޓެންހަމަށް 33 ގޯލު ޖަހައިދީ 17 އެސިސްޓް ކޮށްދީފަ އެވެ.
އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް ވެގެން ގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ބްލިންގްހަމްއަށް 18 އަހަރުފުރުނުއިރު އެދުވަހު އިންގްލޭންޑްވަނީ ގަދަ 16 ގައި 2 – 0 ން ޖަރުމަން ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އިންގްލޭންޑުން ސައުތުގޭޓްގެ ކޯޗުކަމުގެ ދަށުން ވެމްބްލީގައި ކުޅުނު 27 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެމެޗުންނެވެ.
ސެމީ ފައިނަލުގައި ލަންޑަނުގެ ވެމްބްލީގައި އިންގްލޭންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.