ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖްކުރުމުގެ ކަންތައްތައް އާ ކައުންސިލުންވެސް ކުރިއަށްގެންދަން ބޭނުންވަނީ ވެމްކޯއާ ހަވާލުކޮށްގެން ކަމަށްވާތީ އެކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ކުޅުދުއްފުށީގެ ކުނީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ގިނަ ދުވަސްވީ ކުނިފުނިތަކުން ފަރުބަދަ ހެދިފައިވާއިރު އެ ކުނިތައް ނަގައި ސާފުކުރުމަށް ސަރުކާރުން ވަނީ ވެމްކޯއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފަ އެވެ.
އެކަމަކު ކައުންސިލަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނި މެނޭޖްކުރުމެވެ. ވެމްކޯއާއެކު ސަރުކާރުން ހަދާފައިވަނީ 6 މަސްދުވަހުގެ ކޮންޓްރެކްޓް ނިމެންވާއިރު ކައުންސިލުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ނުފެށިއްޖެނަމަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ކުރިން އޮތް ގޮތަށް އެތަން އިރާދަވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ބޮޑު އާބާދީއަކަށްވެފައިވާ ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކުނި އުފެދޭތީ އެކަމަކީ ކައުންސިލަކަށް މެނޭޖްކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެކެވެ. އެހެން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިވަނީ އެކަމުގައިވެސް ސަރުކާރުގެ އެހީތެރިކަމަށް އެދިފައި އެވެ.
މިދިޔަ ހަފުތާ ރައީސުލް ޖުމްހޫރިއްޔާއާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފު ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންނެވީ ކުޅުދުއްފުށީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމަށެވެ. އޭނާ ވިދާޅުވީ ވެމްކޯއިން އޮތީ ރަށުގެ ކުނީގެ ކަންކަމާ ހަވާލުވެ އެކަން ކުރަން ތައްޔާރަށް ކަމަށެވެ.
އެކަމަކު އެކަން ކުރެވެން އަންނަނީ އެކަމަށް ސަރުކާރުން ސަބްސިޑީ ދީގެން ކަމަށްވާތީ އެކަމަށް ސަބްސައިޒްކޮށްދިނުމަށް ރައީސް ސޯލިހްގެ އަރިހުން މޭޔަރު ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ރާއްޖޭގެ އެހެން ސިޓީ ތަކެކޭވެސް އެއްފަދައިން ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެމްކޯ މެދުވެރިކޮށް ހަމަޖެއްސުމަށްޓަކައި އެކަމަށް ސަރުކާރުގެ އެހީތެރިކަމަށް ކުރީގެ ކައުންސިލުންވެސް އެތައް ފަހަރަކު ވަނީ އެދިފަ އެވެ. އެގޮތުން އޭރު އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދާއެކު ބޭއްވި ބައްދަލުވުންތަކުގައިވެސް އެދުނެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވަމުން ގެންދެވީ ކުނި މެނޭޖްކުރުމަކީ ކައުންސިލުތަކުން ކުރަން ޖެހޭ ކަމަށްވާތީ އެކަން އެންމެ ރަނގަޅުވާނީ ކައުންސިލުން ކުރުމުން ކަމަށެވެ.