ލަންޑަނުގެ ވެމްބްލީގައި މިރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ސުޕެއިނުގެ މައްޗަށް ކުރިހޯދައި އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ މިމުބާރާތުގައި އިޓަލީން ޖެހިޖެހިގެން ސުޕެއިން ކަޓުވާލި ދެވަނަ ފަހަރެވެ. އެންމެފަހުން އޮތް ޔޫރޯގައިވެސް ސުޕެއިން ކެޓީ ދެވަނަ ބުރުގައި އިޓަލީ އަތުން ބަލިވެގެންނެވެ. މިރޭ ކުޅެވުނު މެޗުން މޮޅުވެ، ބަލިނުވެ އިޓަލީން މިވަނީ 33 މެޗު ފުރިހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގައިި ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ސުޕޭނުން ކުޅުނުއިރު އެޓީމުން ވަނީ ލަނޑު ޖަހާޏެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ޕެޑްރީ އުފައްދައިދިން ޗާންސްތައް ފާހަގަކުރެވެ އެވެ. އަދި އަލްވާރޯ މޮރާޓާ ބަދަލުގައި މިރޭ ފުރަތަމަ 11 ގައި ކުޅެން އެރީ އޮޔާޒަބަލް އެވެ. އޭނާއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތް ނުވުމުން ގެއްލިފަ އެވެ.
މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އިޓަލީންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އިޓަލީން އުފެއްދި ކައުންޓަރ އެޓޭކެއްގައި އިންސީނިއޭ އިމްމޯބިލޭ އަށް ޖައްސާލި ބޯޅަ ގެއްލެން ދަނިކޮށް އޭރިއާތެރެއިން ކިއޭސާ ހޯދާ ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. ދުރު ކަނަށް އަމާޒުކޮށް ފޮނުވާލި މިބޯޅައަށް މަސައްކަތްކުރަން ވެސް ސުޕެއިނުގެ ކީޕަރު ސިމޯން އަށް ހުރީ ނޭނގިފަ އެވެ.
އޭގެ އިރުކޮޅެއްފަހުން ސުޕޭނަށް މެޗުގެ ނަތީޖާ ހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ އެވެ. އޮލްމޯ އާއި މޮރާޓާގެ ޖާދުލުން އުފެއްދި ފުރުސަތު ގޯލާ އަމާޒުކޮށްލާ މޮރާޓާ މިވަނީ ރެކޯޑެއް ގާއިމުކޮށްފަ އެވެ. މިރޭގެ މެޗުގައި ޖެހި ލަނޑާއެކު މޮރާޓާ ވެފައިވަނީ ޔޫރޯ ތާރީހުގައި ސުޕޭނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެހާފުގައިވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. 4 - 2 ގެ ނަތީޖާއަކުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރީ އިޓަލީންނެވެ. ދެޓީމުގެ ފުރަތަމަ ދެޕެނަލްޓީ މިސްވިއިރު އެޓީމަށް އެޕެނަލްޓީތައް ޖަހައިދިނީ މެނުއަް ލޮކަޓެއްލީ އާއި އޮލްމޯ އެވެ. ބެލޯޓީ އާއި ބޮނޫޗީގެ އިތުރަށް ތިއާގޯ އާއި މޮރީނޯގެ ޕެނަލްޓީތައް ކާމިޔާބުވީ ނަމަވެސް މޮރާޓާގެ ޕެނަލްޓީ ޑޮންނަރުންމާ މަތަކުރުމުން އިޓަލީގެ ޖޯޖީނިއޯ ވަނީ އެޓީމު މޮޅުކޮށްދީފަ އެވެ. ފައިނަލުގައި އިޓަލީ ނުކުންނަން ޖެހޭނީ މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންގްލޭންޑާއި ޑެންމާކް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.