ޑަބްލިއު ސްޕޯޓްސް އެކަޑަމީ އިން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ބީޗް ހޭޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ނިކަ އަދި ކަސްޓަމްސް ކާމިޔާބު ކޮށްފި އެވެ.
ދެ ކެޑަގަރީއަކަށް ހުޅުވާލާފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަން ހުޅުވާލެވިފައި ވަނީ އޮފީސްތަކަށެވެ. އަދި އަންހެން ކެޓަގަރީ ހުޅުވާލާފައިވަނީ މުޅިރަށަށެވެ. މިމަހު 01 ން 07 އަަށް ކުޅުދުއްފުށީ ބަންޑާރަ މައިދާނާ ދިމާ ހިއްކި ބިމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ދެ ކެޓަގަރީގެ ފައިނަލް މެޗްތައްވެސް ކުޅެފައިވަނީ މިއަދު ހަވީރު އެވެ.
މިއަދު ކުޅެވުނު ފުރަތަމަ ފައިނަލްއަކީ އަންހެން ކެޓަގަރީގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރީ ޓީމް ނިކަ އާއި ސުޓަރ އެވެ. މި މެޗު 7 - 3 ކާމިޔާބުކޮށްފައިވަނީ ޓީމް ނިކަ އެވެ.
ދެވަނަ ފައިނަލް މެޗުގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރީ ކަސްޓަމްސް އަދި ކުލަބް ކޭއާރްއެޗެވެ. މިމެޗު 16 - 15 އިން ކާމިޔާބުކުރީ ކަސްޓަމްސް އާރްސީ އެވެ.
މީގެ އިތުރުން ދެ ކެޓަގަރީންވެސް ވަނީ އެންމެ މޮޅު 4 ކުޅުންތެރިން ހޮވާފަ އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންވެސް ވަނީ ހޮވާފަ އެވެ.
އަންހެން ކެޓަގަރީގެ އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ސުޓަރގެ ޝަމްސުނިސާ ހުސައިނާއި ނުޒުހަތު އަލީގެ އިތުރުން ޓީމް ނިކަގެ ރިޝްފާ އިބްރާހިމާއި އަފީފުއްދީން ސުކޫލް ސުޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބްގެ ފާތިމަތު މުހައްމަދެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ އަފީފުއްދީން ސުކޫލް ސުޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބްގެ އައިސަތު ރިމާޝާ އަލީ އެވެ. އޭނާ ވަނީ މުބާރާތުގައި މުޅިއެކު 21 ޕޮއިންޓް ކާމިޔާބު ކޮށްފަ އެވެ.
ފިރިހެން ކެޓަގަރީން އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ކުލަބް ކޭއާރްއެޗްގެ މުހައްމަދު އިހުސާން އަދި އަސްލަމް މުހައްމަދުގެ އިތުރުން ދިރާގު ޓީމްގެ ޝަމްނޫޒް މުހައްމަދާއި ކަސްޓަމްސްގެ އަހުމަދު އައުޝަން އެވެ. އަދި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ އަހުމަދު އައުޝަން އެވެ. އޭނާ ވަނީ މުބާރާތުގައި މުޅިއެކު 3 ލަނޑު ޕޮއިންޓް ކާމިޔާބު ކޮށްފަ އެވެ.