ރާއްޖޭން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޕާކިސްތާނުގެ ސަރުކާރުން 5.9 މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ. މިއީ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް ދިން ފައިސާގެ އެހީއެކެވެ.
މިކަމަށް ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ޝާހިދަށް ފައިސާގެ އެހީގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް އަތަރު މުޚްތާރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޕާކިސްތާނުން ރާއްޖެއާ ދެމެދު ބަަހައްޓާ ޚާއްސަ އަދި ގާތްގުޅުން ފާހަގަކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްގަރުނައިން އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާޢި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓަރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާނުގެ ސަފީރު އަތުހަރު މުޚްތާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ގާބިލުކަމާމެދު ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޔޫއެންގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވުމުން މިނިސްޓަރު ޝާހިދުއަށް ވަނީ މަރުހަބާ ދަންނަވާފައެވެ.