twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ދެ މީހަކަށް ދައުވާކޮށްފި

ނަބީލާ އިސްމާޢީލް
Jul 12, 2021
4

ހދ. ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

މިދިޔަ މޭމަހު 29 ވަނަދުވަހުގެ ރޭ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށި ސިޓީގައި ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވަނީ އެރަށު ރަތްފުސްގެ، އަހްމަދު އިބްރާހިމް (29) އަށެވެ.

ހަތަރު މީހަކު ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައެވެ. ނަމަވެސް މި މައްސަލާގައި ހައްޔަރުކުރި 2 މީހަކު ވަނީ ދޫކޮށްލާފަ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި، ހދ. ކުޅުދުއްފުށި، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާގެ (ށ) އަދި (ވ) ގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ނުވަތަ ރަހީނުކުރުމުގެ އެވެ.

ހާދިސާގައި ޒަހަމްވި އަހުމަދު އިބްރާހިމްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފައެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި އެވެ. އެކަމަކު އޭނާ މިހާރު ވަނީ ރަށަށް ބަދަލުވެފަ އެވެ.

އެ މައްސަލައިގައި ރަހީނުކުރަން ބޭނުންކުރި ކާރުކަމަށް ބުނާ ކާރެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެންދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355