އެމްޓީސީސީން ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން 17 ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުން އަންނައިރު ހައި ސްޕީޑް ފެރީގެ ޓެސްޓް މަރުހަލާގެ ތެރެއިން ފުރަތަމަ ޓެސްޓް ފެރީ އަންނަ މަހުގެ ތެރޭގައި ކަނޑަށް ބޭލޭނެ ކަމަށް ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލެވުން ކަމަށާއި އެ ނިޒާމު ފުރިހަމަވާއިރު 60 ފެރީ ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވަމުން އާދަމް އާޒިމް އިތުރަށް ވިދާޅުވެލެއްވީ ސްޕީޑް ފެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަދާ ކަމަށާއި އުންމީދު ކުރަނީ ޓެސްޓް ފެރީ އަންނަ އޮގަސްޓްމަހު ކަނޑަށް ބޭލިގެން ޓެސްޓު ކުރެވިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށައިފައިވާއިރު ހޯރަފުއްޓާއި އިހަވަންދު އަދި ދިއްދޫގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިފަހަރު ބަދެގެން ތައާރަފުކުރެވޭ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށް އަދި މިއީ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށްވެސް އާދަމް އާޒިމް ފާހަގަކުރައްވާފައިވެ އެވެ.
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފެރީތަކާއި ރަށްރަށުގައި އަޅަން ޖެހޭ ޓާމިނަލް ތަކާއި ސާވިސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އުންމީދު ކުރަނީ އަންނަ މަހުގެ ތެރޭގައި ޓެސްޓު ކުރެވޭ ވަރުވުން ކަމަށް އާދަމް އާޒިމް ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕުރޮގުރާމްގައި ރޭ ވިދާޅުވެފައިވެ އެވެ.
ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލެވޭއިރު މި ހިދުމަތް ޖުމުލަ 41 ރަށަކަށް ލިބިގެންދާއިރު މިއީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕުރޮޖެކްޓެކެވެ. މިމަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަން ނިންމަން ޖެހެ އެވެ.
މިފަހަރު މިގެންނަ ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ތިން ގުނަ ބާރުވެގެންދާނެ އެވެ. އެމްޓީސީސީން ބުނާގޮތުގައި ފެރީގެ ސީޓާއި ފަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިގެންދަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަ ގޮތަށް ކަމަށާއި މީގެ އިތުރުން އެންމެ ބޮޑު އިސްކަމެއްދީފައި ވާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ގޮތަކަށް ފަރުމާ ކުރުމަށް ކަމަށެވެ.