ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކޮށް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ނިންމިގެންދާއިރު އެ ޕްރޮޖެކްޓްތަކުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ބާރު އަޅަން ޖެހޭ ކަމަށް ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިލުވާން މިހެން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރަން ފެށި އެއާޕޯޓްގެ މަސައްކަތުގެ އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތައް ފުރިހަމަ ނުކޮށް ދޫކޮށްލާފައިވާކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރު ދެއްކެވި ވާހަަކަތަކާ ގުޅުވައިގެންނެވެ.
ރިލޭ ވިދާޅުވީ، ފެނިގެންދިޔައީ ވެރިޔަކު ވެރިކަން ދިފާއު ކުރަންވެގެން ރަންވޭއަކަށް ތާރުގަނޑެއް ދަމާލާފައި ދިޔަ މަންޒަރު ކަމަށާއި އެއާޕޯޓާ ގުޅިގެން ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ނުކޮށް ހުރުމުން އޭގެ ތަކުލީފު ޖެހެމުންދާ ކަމަށެވެ. މިފަދަ ޕްރޮޖެކްޓްތައް ނިމިގެންދާއިރު އެ ޕްރޮޖެކްޓްގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރަން ބާރު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުގައި ޑެޕިއުޓީ މޭޔަރު ވިދާޅުވެފައިވަނީ އެއާޕޯޓް ޕްރޮޖެކްޓާއެކު ކުޅީގެ ބާކީ ބައި ހިމާޔަތްކުރުމަށް އީއައިއޭ ރިޕޯޓްގައި ހުރި ކަންކަންވެސް ކުރަން ޖެހޭ ގޮތަށް އޮތްކަމުގައިވިޔަސް އެ މަސައްކަތް މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ކޮށްފައެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެއާޕޯޓެއް ނިމިގެންދާއިރު ފުރިހަމަވެފައި ހުންނަ ޖެހޭ ކަންކަން އޮތީ ފުރިހަމަ ނުކޮށް އެ އޮތްގޮތަށް ދޫކޮށްލެވިފައިކަމަށާއި ބަފާރ ޒޯނުވެސް ކަނޑައަޅައި ހަދާފައިނުވާކަމަށެވެ.
އަދި މިހާރުވެސް އެއާޕޯޓުގެ ބައުންޑަރީ ފެންސާއި ޖެހިގެން މަގެއް އޮންނަން ޖެހޭއިރު ކުރިން ހެދި މަގު، ކުޅި ހިއްކިއިރު އީއައިއޭ ސްޓޭޓްމަންޓްގައި އޮތް ގޮތަށް ޝީޓް ޕައިލްސް ކޮށް ނުވަތަ ރޮކް ބޯޑާސް ބޭނުންކޮށްގެން އެތަން ގާއިމުކޮށްފައި ނެތުމުން ކުޅިއަށް ވެލިގަނޑު ކެހިގެން ގޮސް އެމަގު ވަރަށް ބޮޑަށް ހިމަވެފައިވާކަންވެސް ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިކަންކަމަކީ އެއާޕޯޓް ހަދާ ނިމުނުއިރު ފުރިހަމަވެފައި ހުންނަން ޖެހޭ ކަންކަން ކަމަށާއި ފުރިހަމަ ނުވެ ހުރި ކަންތައްތައް ފުރިހަމަ ކުރުމަށް އެންވަރަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ވާހަކަދެކެވެމުން އަންނަކަމަށެވެ. އުއްމީދަކީ އީޕީއޭއާ ގުޅިގެން މިމައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި މިކަންކަން ފުރިހަމަވާނެ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.