twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިޖްތިމާއީ މަޝްރޫއު ހިންގަން އިންޑިއާއިން އިތުރު 70 މިލިއަން ރުފިޔާ ދީފި

ނަބީލާ އިސްމާޢީލް
Jul 23, 2021

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ހިންގުމާއި ގުޅޭ އެމްއޯޔޫ އެއްގައި އިންޑިއާއާ އެކު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އިޖްތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 70 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހީ އިތުރުކޮށް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އެކަމަށްޓަކައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ ޖެނެރަލް އެސެމްބްލީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހައި އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓާއި ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާއާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.

މާޗު 2019 ގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރޭގައި ހަމަ މިފަދަ އެމްއޯޔޫއެއްގައި ސޮއި ކުރެވުނެވެ. އެ އެމްއޯޔޫ މެދުވެރިކޮށް ފޯރުކޮށްދެވުނު 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްތަކުގެ ރަށު ކައުންސިލްތަކުން މިހާރުވެސް ހިންގަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355