ކޮވިޑް-19 އިން އަރައިގަތުމަށް އދ. އިން އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ އަންނަ ސެޕްޓެމްބަރު މަހު ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު މިހާރު ވަނީ އެކި ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކަށް އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ ކޮވިޑް- 19 އިން އަރައިގަތުމަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ ކޮވިޑާއެކު ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އަދި މި ބަލީގެ ހާލަތު ރަނގަޅުވާން ގާތްވެސް ނުވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ އާ ވޭރިއަންޓްތައް އުފެދެމުން އަންނަ އިރު ދުރު މުސްތަގުބަލުގައި ސިއްހަތަށް ލިބޭނެ ގެއްލުންވެސް އެނގިފައި ނުވާކަމަށެވެ. މި ސަބަބަށްޓަކައި ކުރަންޖެހޭ މަސައްކަތް ގިނަ ވެފައިވާއިރު، އެ މަނިކުފާނުގެ "އުންމީދު" ނުވަތަ "ޓީމް ހޯޕް"އިން މި މަސައްކަތް ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ.
Minister @abdulla_shahid outlined his vision and his priorities for the UNGA, while delivering the 38th Sapru House Lecture at @ICWA_NewDelhi, on the topic “Presidency of Hope: 76th UNGA - COVID pandemic & need for reformed multilateralism”, today
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 23, 2021
📃 | https://t.co/YiPSzQBhIJ pic.twitter.com/WxJDsFyoTK
ދުނިޔޭގެ އާބާދީއަށް ވެކްސިން ކަށަވަރުކޮށްދިނުމާއި އާލަމީ ވަބާގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ފަގީރު ގައުމުތަކަށް އެހީވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވަނީ ކޮވިޑުން އަރައިގަތުމަށް އދ. އިން އިތުރަށް މަސައްކަތް ކުރަން ޖެހޭއިރު، މިކަމަށް ލަސްކަމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކާގައި އެމަނުކުފާނުވަނީ ކޮވިޑުން އަރައިގަތުމަށްފަހުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހަނދާނުގައި ބަހައްޓަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ކަނޑު ފަޅުތަކުގެ ރައްކާތެރިކަމާއި، ދުނިޔެ ހޫނުވުންފަދަ ކަންކަމަށް ދޭ ސަމާލުކަން މިއަދު ކޮންމެވެސް ވަރަކަށް ކުޑަވިޔަސް މިކަންކަން ހައްލުނުވާކަން ހަނދާންކޮށްދެއްވާފައެވެ.
މިމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19އިން އަރައިގަނެވޭއިރު، ބައިނަލްއަގުވާމީ އިތުރު މައްސަލަތަކަކަށްވެސް ހައްލުލިބޭނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަގީރުކަން ނައްތާލުމާއި، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.