މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރީން ސުކޫލު މުވައްޒިފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަަހަން ޖެހޭ ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލުތަކަށް އަންގައިފި އެވެ.
މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ބޭނުމަށް، ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ޖުހަތާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަޝްވަރާތައް އެޗްޕީއޭއާއެކު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން ވަނީ ބުނެފައެވެ.
ވެކްސިން ނުޖެހޭ މުވައްޒިފުން އެކަން ސަބަބާއެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އެ ގޮތުން ވެކްސިން ނުޖެހޭ ސަބަބު ބަޔާންކުރާ އެޗްޕީއޭގެ ލިޔުމެއް ހުށައަޅަން ޖެހެއެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ މުވައްޒަފުންނަށް މިނިސްޓްރީން އެންގިއިރު ކުރިއަށް އޮތް ތަނުގައި ބޮޑަށް ބަލި ފެތުރޭނީ ކުޑަކުދިންގެ މެދުގައި ކަމަށް ވެސް އެޗްޕީއޭ އިން ލަފާކުރެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ވިދާޅުވި އެވެ.