ކުޅުދުއްފުށިން އިތުރު 8 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މީގެ ތެރޭގައި ރެންޑަމް ދެ ސާމްޕަލެއްވެސް ހިމެނެ އެވެ. މިއާއެކު މިހާތަނަށް ކުޅުދުއްފުށިން ޕޮޒިޓިވްވި ޖުމްލަ އަދަދު 42 އަށް އަރައިފި އެވެ.
މިރޭ ޕޮޒިޓިވްވި 8 ސާމްޕަލްގެ ތެރެއިން ދެ ސާމްޕަލްއަކީ ރެންޑަމް ސާމްޕަލެކެވެ. ބާކީ 6 ސާމްޕަލަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލް ތަކެވެ. ކޭއާރުއެޗުން ބުނީ މި ދެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން އަދި މިހާތަނަށް ނަތީޖާ ނުލިބޭ 94 ސާމްޕަލް ހިމެނޭކަމަށާއި މި ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކުޅުދުއްފުށިން ޖުމްލަ 42 ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މީގެ ތެރެއިން 8 ކޭސްއަކީ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީ ދެއްކި 8 މީހެއްގެ ސާމްޕަލެވެ.
ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު ޖުމްލަ 61 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި މި ކޭސްތަކާއި ގުޅިގެން 204 މީހަކު މި ވަގުތު ކަރަންޓީނުގައިވެސް އެބަތިއްބެވެ.
ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.
ކުޅުދުއްފުށި މޮނިޓަރިންގއަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.