މޮނީޓަރިންގެ ހާލަތުގައި އޮތް ހއ ދިއްދޫގައި މިވަގުތު ކަރަންޓީނުގައި 22 ނަރުހުން އެބަތިބި ކަމަށާއި އެކަމަށާއި ގުޅިގެން ހޮސްޕިޓަލަށް ވަރަށް ދަތިވެފައިވާކަމަށް ދިއްދޫ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ކޭއޯއަށް ވިދާޅުވީ ކޭސްތަކާއި ގުޅިގެން މި ވަގުތު އެ ހޮސްޕިޓަލުގެ 22 ނަރުހަކު ކަރަންޓީންގައި އެބަތިބި ކަމަށާއި އެހެން ކަމުން މިދަނޑިވަޅުގައި ހޮސްޕިޓަލަށް ގިނަ ދަތިތަކެއް ދިމާވަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅުގެ އެހެން ރަށްރަށުން އިތުރު 9 ނަރުހަކު މިހާރު ހޮސްޕިޓަލަށް ގެނެސްފައިވާކަމަށާއި އެހެންނަމަވެސް އަދިވެސް ދަތިކަން އެބައުޅޭކަމަށެވެ.
މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިޔާ ނަރުހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އުސްމާން ވިދާޅުވީ މިހާރު ޕޮޒިޓިވްވަމުން ދަނީ އެ ކޭސްއާއި ގުޅުން ހުރި ފަރާތްތަކެއް ނޫންކަމަށާއި އެ ކްލަސްޓާގެ ފަރާތްތައް މިހާރު މޮނީޓަރިންނަށް ލެވިފައިވާކަމަށެވެ.
ފަހުން ޕޮޒިޓިވްވެފައިވަނީ ދަތުރުކުރުމަށް ހުއްދަ ހޯދުމަށް ހަދަންޖެހޭ ޕީސީއާރު ޓެސްޓް ހެދުމަށް އެ ހޮސްޕިޓަލުން ނެގި 3 ސާމްޕަލްކަމަށެވެ. މިވަގުތު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 17 އެވެ. މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 34 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށާއި ރޭންޑަމް ސާމްޕަލްވެސް ނެގުމަށް ހަމަޖެހިފައިވާކަމަށްް އުސްމާން ވިދާޅުވި އެވެ.
މިދިޔަ ޖޫންމަހު 24 ވަނަ ދުވަހުވެސް ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓިވެ ދިއްދޫ ވަނީ މޮނީޓަރިންނަށް ލައިފައެވެ. އޭގެ ކުރިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެގެން މެއި 1 ވަނަ ދުވަހުވެސް ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކޮވިޑްގެ ހާލަތު ގޯސްވެ 100 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވެއެވެ.