ކުޅުދުއްފުށި ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 63 އަށް އަރައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ން ބުނީ މިއަދު ވެސް ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތައް ކަމަށެވެ. އަދި ފާއިތުވި 5 ދުވަހުގެ ތެރޭގައި އިތުރު 19 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު މި މުއްދަތުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4 ކޭސް ފެންނަމުންދާ ކަމަށެވެ.
ކުޅުދުއްފުށީގައި މިހާރު ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުންދާއިރު، މިއަދު ވަނީ އެބައްޔަ ޕޮޒިޓިވްވެފައިވާ ކުއްޖެއްގެ ހާލު ދެރަވެ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިކުއްޖާ ޕޮޒިޓިވްވެފައިވާއިރު މި ކުއްޖާއަކީ ހައި ރިސްކު ޕޭޝަންޓެކެވެ. 13 އަހަރުގެ މި އަންހެން ކުއްޖާ އަކީ ކުރިން ޕޮޒިޓިވްވި ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
މިހާތަނަށް 63 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ޕޮޒިޓިވްވި 49 ކޭސްއަކާ ފުރަބަންދުގައި ތިބި 3 މީހެއްގެ އިތުރަށް ފުލޫ އޯޕީޑީއަށް އަލާމާތްތައް ހުރެގެން ދެއްކި 8 މީހަކު ހިމެނެ އެވެ. އަދި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 3 ސާމްޕަލެއް ވަނީ ޕޮޒިޓީވްވެފަ އެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.
ކުޅުދުއްފުށިން މިދިޔަ މަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ކުޅުދުއްފުށިން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ޓާސްކު ފޯހުން މިހާރުވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް ބޭނުންކުރުން، ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް މާސްކް ބޭނުންކުރަން ވަނީ އަންގާފަ އެވެ.
އާންމު އެންމެހާ ތަންތަނާއި ޕާރކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ތަންތަނަށް ނުދިއުމާއި މޫދު ސަރަހައްދަށާއި މޫދަށްވެސް ގުރޫޕު ހަދާފައި ނުދިއުމަށް ވަނީ އެދިފަ އެވެ.
މަގުމަތީގައި ގުރޫޕު ހަދާފައި ނޫޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނިކުތުމުގެ އިތުރުން ޒަރޫރީ ހާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެއަށް ނުދިއުމަށް އަދި ކަރަންޓީނުގައި ތިބި ފަރާތްތަށް ކަރަންޓީނު އުސޫލަށް އަމަލުކުރުމަށް ޓާސްކްފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލި ފެތުރި އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ވެދާނެ ދަތިތަކުން ސަލާމަތްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. އަދި އެ ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޓާސްކްފޯސްއިން ވަނީ ބުނެފަ އެވެ.