އާބާދީ މަދު ރަށްރަށަށް ބަދަލުވާން ބޭނުންވާ ޓީޗަރުންނަށް އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ބުނީ ހާއްސަ މާއްދާތައް ކިޔަވައިދޭން އެކަށީގެންވާ އަދަދަށް ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދޭން އާބާދީ މަދު ރަށްރަށަށް ބަދަލުވާން ބޭނުންވާ ޓީޗަރުންނަށް އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ގުރުއާން ފަދަ މާއްދާތައް ކިޔަވައިދިނުމުގެ ޓީޗަރުން ލިބުމުގައި ދަތައް ދިމާވާ ކަމަށާއި ގުރުއާން ކިޔަވައިދޭނެ ޓީޗަރުން ނުލިބިގެން އެޑިއުކޭޝަން މިނިސްޓްރީން މިިދިޔަ އަހަރު ފަސް ޓީޗަރަކު އިންޑިއާއިން ގެނެސް ފަސް ސްކޫލެއްގައި ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެއްސި އެވެ. އެ ޓީޗަރުންވެސް ގެނައީ ތަކުރާރުކޮށް އިއުލާންކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރު ނެންގެވީ އާބާދީ މަދު ރަށްތަކަށް ގުރުއާން ކިޔަވައިދޭން ދާނެ ޓީޗަރުން ނުލިބުމެވެ. އެހެން ނަމަވެސް ބޮޑެތި ސިޓީތަކާއި މާލޭގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ވަރަށް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމަކީ އާ ކަމެއް ނޫން ކަމަށާއި 2013 އަދި 2015 ވަނަ އަހަރުވެސް ގުރުއާން ކިޔަވައިދޭން ރާއްޖެއަށް ބޭރުން ޓީޗަރުން ގެނައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރުއާން ފަދަ މާއްދާތައް ކިޔަވައިދޭން ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރުމުގެ ގޮތުން އިސްލާމިކް ޔުނިވާސިޓީ އާއި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ރުއާން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން މި ބުރުގައި 200 މުދައްރިސުން، ހާއްސަކޮށް ގުރުއާން މުދައްރިސުން ބޭނުންވާ ރަށްތަކަށް ފޯކަސްކޮށްގެން އެ ރަށްތަަކުގައި މި ޕްރޮގްރާމް ހިންގުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.