twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެމެރިކާއިން ރާއްޖެއަށް 128،700 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Aug 9, 2021

އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެ އަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާ އިން އިސްނަގައިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައި، އެ ގައުމުން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާ އިން ރާއްޖެ އަށް ފޯރުކޮށްދެމުން ގެންދާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރު މެޝިނާއި ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355