ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް އަންނަ ހަފްތާގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ 12 އަހަރުން މަތީގެ އަބާދީގެ ހުރިހާ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ އާ އާންމު ހާލަތެއްގައި ދިވެހިން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށާއި ސަރުކާރުގެ މިހާރު އަމާޒަކީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފުރިހަމަ ކުރުން ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުން ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 12 އަހަރާއި 17 އަހަރާއި ދެމުދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ދީފައިވާ ކަމަށާއި އެ ކުދިންނަށް ޖެހޭނީ ހަމައެކަނި ފައިޒާ ވެކްސިން ކަމަށެވެ. މިހާރު ރާއްޖެ އަށް ފައިޒާ ވެކްސިން ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ހަފްތާގައި އެ އުމުރުފުރާގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނެ ކަމަށެވެ.
މިހާރު ރާއްޖޭގެ 80 ޕަސެންޓު މީހުންވެސް މިހާރު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 69 ޕަސެންޓު މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.