ތައުލީމީ ހަޔާތް ކާމިޔާބުކޮށްގެން ނޫނީ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެކަމަށާއި އެހެންވުމުން ދިރާސީ އާ އަހަރާއެކު ދަރިވަރުން ތައުލީމް ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރުމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް ދަރިވަރުންނަށް ނަސޭހަތްތެރިވެއްޖެ އެވެ. ނާސިހާ މިހެން ވިދާޅުވީ ދިރާސީ އާއަހަރު ފެށުމުގެ ގޮތުން މިއަދު އަފީފުއްދީން ސުކޫލުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބުލީގެ ތެރެއިންނެވެ.
އިއްޔެ ރާއްޖޭގެ ސްކޫލްތަކުގައި 2022 ގެ ދިރާސީ އާހަރުގެ ކިޔެވުން ފަށާފައިވާއިރު މޮނީޓަރިންގެ ހާލަތުގައި އޮތުމުން ކުޅުދުއްފުށީ ސްކޫލްތަކުގެ ކިޔެވުން ފަށާފައެއް ނުވެއެވެ. ނަމަވެސް މޮނީޓަރިންގެ ހާލަތުން ވީއްލުމާއެކު މިއަދު މިވަނީ ސުކޫލުތަކުގެ ކިޔެވުން ފަށާފަ އެވެ.
998 ދަރިވަރުންނާއެކު އަފީފުއްދީން ސުކޫލުގެ ކިޔެވުން ފަށާފައިވާއިރު އޭގެތެރެއިން 275 ދަރިވަރުންނަކީ ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުންކަމަށް ޕުރިންސިޕަލް ނާސިހާ މިއަދުގެ ޖަލްސާގައިވަނީ ވިދާޅުވެފަ އެވެ.
ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު އާތިފާ އަލީ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ތައުލީމީ ހަޔާތް ކާމިޔާބުކޮށްގެން ނޫނީ ތިޔަކުދިންގެ ދިރިއުޅުމެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށް ނާސިހާ ވިދާޅުވިއިރު އޭނާ ވަނީ މިފެށޭ އާއަހަރާއެކު ދަރިވަރުންނަށް ހިތްވަރުދެއްވައި ވަރަށް ގިނަ ނަސޭހަތްތަކެއް ދީފަ އެވެ.
ތައުލީމީ ހަޔާތް ކާމިޔާބުކުރުމަކީ އެކުއްޖެއްގެ ހުރި ހުނަރަކާ ގާބިލިއްޔަތުކަމެއް ބޭނުންކޮށްގެން އެކަމަށް އިންވެސްޓްކޮށްގެން ކުރިއަށްދާން ކޮންމެ ދުވަހަކު މަސައްކަތްކުރުން ކަމަށާއި އެއީ ކޮންމެ ދަރިވަރަކު ވެސް 8 މާއްދާއިން އޭ ފާސް ހޯދުން ކަމަކަށް ނުބުނާނެ ކަމަށް ވެސް ނާސިހާ ވަނީ ވިދާޅުވެފަ އެވެ.
އެތައް ގައުމެއްގައި ހެދުނު ރިސާޗްތަކަކަށް ބިނާކޮށް ލިޔެފައިވާ މުހިންމު ލިޔުމެއް ވިދާޅުވަމުން ނާސިހާ ވިދާޅުވީ ދުނިޔޭގައި އެވްރެޖްކޮށް ހިތްހަމަޖެހިލައިގެން އުޅޭ މީހާ އެމީހާގެ މަސައްކަތަށް ހޭދަކުރަނީ ހަފްތާއަކު 40 ގަޑިއިރު ކަމަށާއި އެކަމަކު ބުރަ މަސައްކަތުން މަސައްކަތުން މިލިއަނަރުންނަށް ވެފައި ތިބި މީހުން ކޮންމެ ހަފްތާއަކު 59 ގަޑިއިރާ 60 ގަޑިއިރުގެ ވަގުތެއް މަސައްކަތުގައި ހޭދަކުރެ އެވެ. އަދި ބައެއް މީހުން 70 ގަޑިއިރު ވެސް މަސައްކަތުގައި ހޭދަކުރާކަމަށް ވިދާޅުވި އެވެ.
އެމީހުން ބޭނުމީ ބުރަ މަސައްކަތުން މުއްސަނދިވާން ކަމަށާއި އެމީހުންގެ ޓާގެޓަކަށްވީ އެކަން ކަމަށް އެލިޔުމުގައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުން ކުރި ހުރިހާ މަސައްކަތެއް ކުރީ މިކަން ކާމިޔާބުކުރަން ކަމަށާއި ނަތީޖާއަކަށްވީ ގިނަވަގުތު އެކަމަށް ހުސްކޮށް އެކަން ކާމިޔާބުކުރުން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ތައުލީމީ ހަޔާތް ކާމިޔާބުކުރަން ބޭނުންވާނަމަ މިއަދު އަމާޒެއް ކަނޑައަޅަންވާނެ ކަމަށާއި ހަޔާތް ކާމިޔާބުކުރެވެނީ ދުވަސް ކާމިޔާބުކުރާ މީހަކަށް ކަމަށެވެ. ދުވަސް ކާމިޔާބުކުރެވޭނީ ފަރުޟު ފަސްނަމާދަށް ރައްކާތެރިވާ މީހަކަށް ކަމަށް ވިދާޅުވަމުން ނާސިހާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ފުރިހަމައަށް އަދާކުރަން މިއަދު ވަރަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް ނަސޭހަތްތެރިވެފައި އެވެ.
އެކަން ނުކުރެވިއްޖެއްޔާ ދުވަހެއް ވެސް ކާމިޔާބެއް ނުވާނެ ކަމަށާއި ދުވަސް ކާމިޔާބު ނުވެއްޖެއްޔާ ހަފުތާ ކާމިޔާބެއް ނުވާނެ ކަމަށެވެ. އަދި ހަފުތާ ކާމިޔާބުނުވާ މީހަކަށް މަސްދުވަސް ކާމިޔާބުވާނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އަހަރެމެން ހަޔާތުގެ އެއްބައި ނަގާލާފައި ދެން އަހަރެމެންގެ ދިރިއުޅުން ކާމިޔާބުކުރަން އޯލެވެލުން ނަތީޖާ ހޯދުމަށް މަސައްކަތްކުރުމަކީ އެއީ އެއްގޮތަކަށްވެސް އޮތް ކަމެއް ނޫންކަން ވެސް ނާސިހާ ފާހަގަކުރެއްވި އެވެ.
މިއަހަރަކީ އަފީފުއްދީނަށް ވަރަށް ހާއްސަ އުފާވެރި އިލްމީ އަހަރެއްކަން ފާހަގަކުރައްވާ ނާސިހާ ވިދާޅުވީ މުޅި ރާއްޖެއިން ދެ ސްކޫލެއްގައި ފުރާ ފުރިހަމަ ސުކޫލްގެ ޕުރޮޖެކްޓް ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައި އެތަނުން އެއްސުކޫލުގެ ގޮތުގައި އަފީފުއްދީން ސްކޫލް ހިމަނާފައިވާ ކަން އޭނާ ވަނީ އުފަލާއެކު ފާހަގަކުރައްވާފަ އެވެ. އަދި ވަރަށް ގިނަ އާ ހިދުމަތްތަކެއް މިއާއެކު ލިބިގެންދާނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްކޫލަށް ވަޑައިގަނެ ދެއްވާފައިވާ ކަމަށް ނާސިހާ ވަނީ ވިދާޅުވެފަ އެވެ.
މިޕްރޮގުރާމް ފެށިގެންދާއިރު ސްކޫލަށް އުމްރާނީ ތަރައްގީ އިންސާނީ ވަސީލަތްތައް އަދި އެހެނިހެން ކުރިއެރުންތައް އަންނާނެ ކަމުގެ އުފާވެރި ހަބަރު ލިބިފައިވާ ކަމަށާއި އެގޮތުން ސްޕޯޓްސް ފެސިލިޓީއެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ސްޓެމް ލެބަކާއި ޑައިނިން ހޯލެއް، ކުރިއޭޓިވް އާރޓްސް ރޫމެއް އަދި މިިއުޒިކް ރޫމެއް މިޕުރޮގުރާމުގެ ދަށުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މިހިދުމަތްތައް ފޯރުކޮށްދޭނެ ފަންނީ ބޭފުޅުންވެސް ލިބިގެންދާނެކަން ނާސިހާ ފާހަގަކުރެއްވި އެވެ.
ދަރިވަރުންނަށް ތަފާތު އެތައް ހުނަރުތަކެއް ދަސްކޮށްދެވޭނެ ކަމަށާއި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން އެކުއްޖަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ނާސިހާ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް މިކަމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިޕްރޮގުރާމަށް ހޮއްވަވައިދެއްވީތީ އާއި ދަރިވަރުންނަށް އެފުރުސަތު ފަހިކޮށްދެއްވީތީ ނާސިހާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި އެޑިއުކޭޝަން މިނިސްޓަރަށާއި އެކަމަނާގެ ޓީމަށް ވަރަށް ޝުކުރު ދަންނަވާފަ އެވެ.
ނާސިހާ އިތުރަށް ވިދާޅުވީ އޭނާ ގަބޫލުކުރާގޮތުގައި މިޕްރޮގުރާމް އެސުކޫލަށް ލިބުނީ އޭނާގެ ސަބަބުން ނޫން ކަމަށާއި އެކަން ސްކޫލަށް ހާސިލްވީ ޓީޗަރުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ ސަބަބުން ކުދިންގެ ފަރާތުން ތަފާތު ފެންނަކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި 213 އަށް ވުރެ ސަރުކާރު ސްކޫލުތައް ހުންނައިރު އަފީފުއްދީނަށް މިފުރުސަތު ލިބުނީ ޓީޗަރުންގެ ސަބަބުން ކަމަށާއި ސުކޫލަށް ޓީޗަރުން ކޮށްދެއްވާފައި މަސައްކަތުގެ ސަބަބުން ކަމަށް ނާސިހާ ވިދާޅުވި އެވެ.