ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ސޮލާހުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ނާސިހާ އިދުރީސް ހަމަޖައްސައިފި އެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް މަގާމުގައި ހުންނެވި ނާސިހާ، ސޮލާހުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސީ އެކަމަށް ހުޅުވާލި ފުރުސަތުގައި އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބިގެންނެވެ.
ނާސިހައަކީ ކުޅުދުއްފުށީ ސްކޫލަކަށް ފުރަތަމަ ފަހަރަށް ހަމަޖެއްސެވި އަންހެން ޕްރިންސިޕަލެވެ. ނާސިހާ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ.
އޭނާ އެ ސްކޫލާ ހަވާލުވެ ގިނަ ހިދުމަތްތަކެއްކޮށްދެއްވި އެވެ. އެގޮތުން 2016 ވަނަ އަހަރު އެ ސްކޫލާ ގުޅިވަޑައިގެންނެވިއިރު އެ ސްކޫލުގެ އާބާދީއަކީ 710 ކުދިންނެވެ. މިއަހަރު އެ ސްކޫލަކީ އަތޮޅުތެރޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ސްކޫލެވެ. އެގޮތުން ސްކޫލުގައި 53 ރަށަކަށް ނިސްބަތްވާ 1089 ދަރިވަރުން ތައުލީމް ހާސިލުކުރެ އެވެ.
ތައުލީމީ ގޮތުން ހޯދައިދިން ކާމިޔާބީއަށް ބަލާނަމަ 2015 ވަނަ އަހަރު ފަސް މާއްދާއިން ފާސްވި އިންސަތަކީ އުޅޭ 30 ގަ އެވެ. އަދި ނާސިހާ ސްކޫލާއި ގުޅިވަޑައިގެންނެވި 2016 ވަނަ އަހަރު ފަސް މާއްދާގެ ފާސްވި އިންސަތައަކީ 61 އެވެ. އެއަށްފަހު އަހަރަކުން އަހަރެއް ކުރި ހޯދަމުން މިއަހަރު ފަސް މާއްދާގެ ފާސްވި އިންސަތަ އުޅެނީ 81 އިންސަތާ ގަ އެވެ. މިދިޔަ އަހަރު އެ ސްކޫލުގެ ސާނަވީ ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ 16 ދަރިވަރަކު ހިމެނިފައިވެ އެވެ. މިއީ މާލެ އުތުރަށް ބަލާނަމަ އެންމެ ރަނގަޅު ނަތީޖާ އެވެ.
ނާސިހާ ފާހަގަކުރެވިފައިވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުން އަދި މުއައްސަސާތަކުގެ ބޭފުޅުންނާއެކު ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްގެ ގޮތުގައި އެވެ.