ދިިރިއުޅުމުގެ މައިދާނަށް ނުކުންނައިރު ރަނގަޅު ތައުލީމަކާއެކު ރަނގަޅު އަހުލާގެއް ކާމިޔާބު ދިރިއުޅުމަކަށް މުހިއްމު ކަމަށާއި ކޮންމެ ކުއްޖަކީ އެހެންމީހުންގެ އިހްސާސްތައް ދަންނަ ކުއްޖަކަށް ވާން ޖެހޭނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމަށް މިއަދު ހެނދުނު އަފީފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ އެސެންބްލީގައި ވާހަކަ ދައްކަމުން އާތިފާ ވިދާޅުވީ ކޮންމެ ކުއްޖަކީ ކިޔެވުމުގެ ހަޔާތް ނިމުމުން ދިރިއުޅުމުގެ މައިދާނަށް ނުކުންނާނެ ކުދިންކަމަށާއި ބައެއް ކުދިން މަތީ ތައުލީމް ހާސިލްކުރުމަށް މައިންބަފައިންދާ ދުރަށް ރާއްޖޭ ބޭރަށް އަދި އަނެއް ކުދިން ވަޒީފާއަށް ދާއިރު ތަފާތު މިޒާޖުގެ މީހުންނާއި ދިމާވާނެކަމަށެވެ.
"ކޮންމެ ކުއްޖަކީ ތައުލީމީ ހަޔާތް ނިންމާ ދިރިއުޅުމުގެ ހަޔާތް ފަށާނެ ކުދިން. މިއަހަރު އޭލެވެލް ނިންމާ ކުދިން ތިއީ މަތީތައުލީމް ހާސިލްކުރަން މައިންބަފައިންނާއި ދުރުގައި އެހެން ގައުމުތަކަށް ދާނެ ކުދިން، ވަޒީފާއަކަށް ދާނެކުދިން. މިއިން ކޮންމެ މަރުހަލާއެއްގައި ތަފާތު މިޒާޖުގެ ކުދިންނާއެކު އުޅެން ޖެހޭނެ. އެހެން އުޅޭއިރު އަބަދުވެސް އެއްޗެއް ބުނުމުގެ ކުރިން ނުވަތަ ކަމެއް ކުރުމުގެ ކުރިން ތިމާއާ ދޭތެރޭ މިގޮތަށް އަމަލުކުރެވިއްޖެނަމަ ތިމާ ހިތަށް އަރާނީ ކީކޭބާއޭ ވިސްނާލަން ވާނެ" އާތިފާ ވިދާޅުވި އެވެ.
އެހެންކަމުން މީހަކާމެދު އަމަލުތައް ބަހައްޓާއިރު ވިސްނާލަން ޖެހޭކަމަކީ އެކުއްޖަކާމެދު ކަންތައް ވާން ނޭދޭގޮތަކަށް އެއްވެސް ކުއްޖަކު އަނެއްކުއްޖާއާމެދު އަމަލުތައް ނުބެހެއްޓުން ކަމަށާއި އެގޮތަށް ވިސްނާނަމަ އެކަކު އަނެއްކަކަށް އިހްތިރާމްކުރަން ދަސްވާނެކަމަށް އާތިފާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންމެ ކުއްޖަކުވެސް މިފަހަރު ތައުލީމީގޮތުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަޑިތައް ދެނެގަތުންމަކީ މުހިއްމު ކަމެއްކަމަށާއި އަދި ލަނޑުދަނޑި ހާސިލް ކުރަން ކުރަންޖެހޭ މަސައްކަތް ނޯޓުކޮށް އެދުވަހެއްގައި ކުރަންޖެހޭ މަސައްކަތް ފަހަށް ނުބަހައްޓާ އުސޫލެއްގެ ދަށުން ތާވަލްކޮގެން ވަގުތަށް ނިންމުމަށް އާތިފާ ނަސޭހަތްތެރިވި އެވެ.
ކިޔެވުމަށާއި، ފިލާވަޅު ހެދުމާއި ދެންކުރާ އެހެނިގެން ކަންކަމަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅާ، ތާވަލާއެއްގޮތަށް ކަންކަން ގެންދިއުމަށް އިސްކަންދިނުމުގެ މުހިއްމު ކަމާބެހޭ ގޮތުން އާތިފާ ވަނީ ވާހަކަ ދައްކަވާފަ އެވެ.
މީގެ އިތުރުން ހުރިހާ ދަރިވަރުންވެސް އިސްލާމީ ރިވެތި އާދަތަކުގައި ހިފުމަށާއި ރަސޫލާގެ ހަޔާތްފުޅުން އިބްރަތް ހާސިލްކުރުމަށްވެސް ނަސޭހަތްތެރިވި އެވެ. އެގޮތުން ރަނގަޅު އަހުލާގެއްގެ ވެރިއަކަށްވުމަށް ކޮންމެ ކުއްޖަކުވެސް 5 ވަގުތު ނަމާދުކުރުން އެއީ އެންމެ މުހިއްމުކަންތައްކަން އާތިފާ ފާހަގަކުރެއްވި އެވެ.