ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ އާންމު ހާލަތަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އުޅެނީ ވަރަށް ކުރީގައިކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ އެސެމްބުލީގައި ވާހަކަދައްވަމުން ރޯޒޭ ވިދާޅުވީ، އޭސިއާ ޕެސިފިކް ގައުމުތަކަށް ބަލާއިރުވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އުޅެނީ ވަރަށް ކުރީގައި ކަމަށެވެ.
"ކޮވިޑް މިދަތި ދުވަސްތަކުގައި ތި ކުދިން ކިޔެވުމަށް ގެންނަ ޖެހޭ ބަދަލުތައް ގެނެސް. މިބަލި މަޑުކަމުން އަރާގަތުމަށް މިއަދުގެ ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން." ރޯޒޭ ވިދާޅުވި އެވެ.
އެގޮތުން ދަރިވަރުންނަށް ވެކްސިން ޖަހަން ފަށަން ނިންމާފައިވާކަން ރޯޒޭ ފާހަގަކުރެއްވި އެވެ. އާންމު ހާލަތަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް، އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކިޔަވާ ކުއްޖަކަށް އެންމެ މުހިންމު އެއްކަށްޗަކީ ވަގުތުކަމަށާއި ދިރާސީ އަހަރެއް ފެށޭއިރު ޓައިމް ޓޭބަލެއް ހަދައި އެއާއެއްގޮތަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވި އެވެ.
މީގެ އިތުރުން ރޯޒޭ ފާހަގަކުރެއްވި މުހިންމު އަނެއް ޕޮއިންޓަކީ "ޕޮޒިޓިވް މައިންޑް ސެޓް" ގެ މުހިންމުކަމުގެ މައްޗަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައި އޭނާ ވާހަކަދެއްކެވި އެވެ.
އެގޮތުން ޕޮޒިޓިވް މައިންޑް ސެޓެއް ގެންގުޅުމުން ޓްރެސް މެނޭޖުކުރުމަށް ފަސޭހަވުމާއި އަމިއްލަ ނަފުސަށް ކުރާ އިތުބާރުވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވި އެވެ. އަދި އިތުރަށް ދަސްކުރަން ޖެހޭ ހުނަރު ދަސް ކުރުމަށް ފަސޭހަވުމާ ކަންކަމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ ކާމިޔާބުވާނެ ކަމަށެވެ.
މި ދަތި ދުވަސްތަކުގައި ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމަށް ޓީޗަރުންކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށްވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.