twitterviber whatsapp telegramfacebookyoutube instagram
27th April 2024

19 ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނި، ކުޅުދުއްފުއްޓަށް ފަހުރުވެރި އަހަރެއް

ޚަދީޖާ އާދަމް
Aug 15, 2021

އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލުތަކުން 19 ދަރިވަރަކު ހިމެނިއްޖެ އެވެ. އެގޮތުން ޖަލާލުއްދީން ސްކޫލްގެ 11 ދަރިވަރުން އަދި އަފީފުއްދީން ސްކޫލްގެ 8 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. މިއީ ކުޅުދުއްފުށިން މިހާތަނަށް އެންމެ ގިނަ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އަހަރެވެ.

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސް ވިދާޅުވީ މިއީ މިހާތަނަށް އެ ސްކޫލުން ގައުމީ ގަދަ ދިހައެއްގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ފަހަރުކަމަށާއި އެގޮތުން އެ ސްކޫލުން ގައުމީ ގަދަ ދިހައެއްގެ 3 ވަނައިގައި 2 ދަރިވަރަކު، 4 ވަނަ، އަދި 5 ވަނައިގައި އެއް ދަރިވަރަކު، 6 ވަނައިގައި 2 ދަރިވަރަކު، 7 ވަނަ އަދި 10 ވަނާގައި އެއް ދަރިވަރުން ވަނީ ހިމެނިފައެވެ.

ކުރީ އަހަރާ އަޅާބަލާއިރު 4 މާއްދާއަކުން ކުރިއެރުން ލިބިފައިވާކަން ނާސިހާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އިނގިރޭސިންނެވެ. އެ މާއްދާއިން 26.36 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާއިރު ދިވެހިން 10.26 ޕަސެންޓް، އިސްލާމުން 10.10 ޕަސެންޓް އަދި ހިސާބުން 9.31 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ނާސިހާ ވިދާޅުވީ އެ ސްކޫލަށް މިފަހަރު އޭ ސްޓާރ ނުލިބޭ އެއްވެސް މާއްދާއެއް ނެތްކަމަށާއި އެގޮތުން ޖުމްލަ 49 އޭ ސްޓާރ މިފަހަރު ލިބިފައިވާކަމަށެވެ. އެންމެ ގިނަ އޭސްޓާރ ހޯދާފައިވަނީ ފިޒިކްސް އަދި ހިސާބުންނެވެ. ފިޒިކްސްއިން 8 އޭ ސްޓަރ ހޯދާފައިވާއިރު ހިސާބުން 7 އޭ ސްޓާރ ހޯދާފައި ވެއެވެ. މީގެ އިތުރުން އެ ސްކޫލުގައި ކިޔަވަމުންދާ މިސްރުގެ ދަރިވަރެއްގެ ނަތީޖާވެސް ނާސިހާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ދަރިވަރު ކިޔެވި 6 މާއްދާގެ ތެރެއިން 5 މާއްދާއިން އޭ ސްޓާރ އަދި އެއް މާއްދާއިން އޭ ހޯދާފައިވާކަމަށެވެ.

ނާސިހާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ހުރިހާ ދަތިތަކާއެކު ސްކޫލުން މި ނެރުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ކޮވިޑްގެ ބަލިމަޑުންކަން އެއްކޮށް ފިލައިގެން އަދިވެސް ނުދާއިރު ކުރިއަށް އޮތްތަނުގައިވެސް ސްކޫލުގެ ފަރާތުން ދަރިވަރުންގެ ކިޔެވުމަށް މިހާރެކޭ އެއްގޮތަށް 100 ޕަސެންޓުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އަރުވާ ކަމަށެވެ. ނާސިހާ ވަނީ ދަރިވަރުންނަށްވެސް ހޯދި ކާމިޔާބީއަށް ސާބަސް ދެއްވާފައެވެ.

ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ސްކޫލުން މިއަހަރު 45 އޭސްޓަރ، 50 އޭ ހޯދާފައިވާކަމަށެވެ. އަދި މިއަހަރު ގިނަ މާއްދާތަކުން ކުރި ހޯދާފައިވާކަމަށާއި އެގޮތުން ހިސާބު، އިނގިރޭސި، ފިޒިކްސް، ކެމިސްޓްރީ، ބަޔޮލޮޖީ، މެރިން ސައިންސް، އިސްލާމް ހިމެނޭކަމަށް އައިމިނަތު ވިދާޅުވި އެވެ.

އެ ސްކޫލުން ގަދަ ދިހައެއްގެ 3 ވަނަ އަދި 4 ވަނަގައި 2 ދަރިވަރަކު، 5 ވަނާގައި 1 ދަރިވަރަކު، 8 ވަނަ، 9 ވަނަ އަދި 10 ވަނާގައި 2 ދަރިވަރަކު ވަނީ ހިމެނިފައެވެ.

އައިމިނަތު ވިދާޅުވީ ލިބުނު ނަތީޖާއާއި މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށެވެ.

ކޮންމެ އަހަރުވެސް ކުޅުދުއްފުށީ ސްކޫލުތަކުގެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނި ސްކޫލަށް ރީތި ނަން ގެނެސްދެ އެވެ. ސަރުކާރުގެ ތިން ސްކޫލު ކުޅުދުއްފުށީގައި ހުންނައިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް ދިހައަކަށް ކިޔަވައިދޭން ފަށާފައިވަނީ މިއަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355