twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަގުތުކޮޅެއް ހުސްކޮށްލުމަށްފަހު މަޗޫ ޕިޗޫގެ ދުނިޔޭން ބައެއް ކަންކަމަށް ނަޒަރެއް!

މުޙައްމަދު އަހުމަދު
Aug 16, 2021

މަޗޫ ޕިޗޫއޭ ބުނީމާ ނޭނގޭ މީހުން އުޅުން އެކަށީގެންވެ އެވެ. ނަމަވެސް މަޗޫ ޕިޗޫ އަކީ ދުނިޔޭގެ ހަތް އަޖައިބުންކުރެ އެއް އަޖައިބެވެ.

މަޗޫ ޕިޗޫއަކީ 15 ވަނަ ގަރުނުންސުރެ އަދާހަމައަށް ވެސް ދެކުނު ޕެރޫގެ އުތުރު ކޯޑިލެއްރާގައި އޮންނަ 2430 މީޓަރު (7970 ފޫޓް) ބޮޑު ތަނެކެވެ. އަދި މިތަން އިންނަނީ ފަރުބަދައެއްގެ ކައިރިފަށުގަ އެވެ. އެއީ އިންކަން އެމްޕަޔަރުގެ ސަރަހައްދެކެވެ. އަދި އެ އެމްޕަޔަރުގެ ރަމްޒެކެވެ.

ތަންތަނުގައި ހުންނަ އެއްޗެހި ނަގައި ބަލާ އެއްޗެއް ދިރާސާކޮށްގެން އެއާ ބެހޭގޮތުން އެކިކަހަލަ ޓެސްޓްތައް ހަދާ އިންސާނުންގެ ހަރަކާތްތަކާއި ކުރީގެ ކަންކަން ބަލާ ގިނަ މީހުން ގަބޫލުކުރާގޮތުގައި މަޗޫ ޕިޗޫ ބިނާކުރެވުނީ އިންކަން އެމްޕަޔަރުގެ ތަހުތުގައި އޭރު އިންނެވި އިންކާ އެމްޕަރާ ޕަޗަކޫޓީގެ ރަސްކަމުގެ މައި ގެކޮޅުގެ ގޮތުގަ އެވެ.

އާންމުކޮށް "ލޮސްޓް ސިޓީ އޮފް ދި އިންކާސް" އޭބުނެވުނަސް އެއީ އޮޅުމެކެވެ. ނަމަވެސް މިތަނަކީ އިންކާ ދަރިކޮޅުގެ އެންމެ އާއިލީ ރަމްޒެވެ. 1450 އެހާ ހިސާބުގައި އިންކާސް މިތަން ބިނާކުރި ނަމަވެސް އޭގެ ގަރުނެއް ފަހުން އެތަންވަނީ ފަޅަށް ދޫކޮށްލާފަ އެވެ.

އެތަން އިމާރާތްކޮށްފައިވަނީ އެޒަމާނުގެ އެންމެ އާންމު އިންކާ ސްޓައިލަށް ތެޅިގަލުންނެވެ. އެތަނުގެ މައިގަނޑު ތިން އޮނިގަނޑުގެ ތެރެއިން ފުރަތަމަ އޮނިގަނޑަކީ އިންޓިހުއަޓާނާ އެވެ. އިންޓިހުއަޓާނާ އަކީ އަޅުކަން ކުރަން ގެންގުޅޭ ގަލެކެވެ. އަހަރުގެ ދުވަސްތަކާ ވަގުތު ދެނެގަންނަން ބޭނުންކުރަނީ މިގަލެވެ.

ދެވަނަ އޮނިގަނޑަކީ ޓެމްޕަލް އޮފް ސަން ނުވަތަ އިރަށް އަޅުކަންކުރާ އިރުގެ ފައްޅި އެވެ. އަދި އެންމެފަހު އޮނިގަނޑަކީ ރޫމް އޮފް ތްރީ ވިންޑޯސް ނުވަތަ ތިން ކުޑަދޮރު ލީ ކޮޓަރި އެވެ.

މިތަނުގައި ހުންނަ ގިނަ ތަންތަން ވީރާނާވުމުން އެތަން އަސްލުހުރި ގޮތް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދައްކަން ވެގެން ގިނަ ތަންތަން ވަނީ އަލުން އާބާތުރަ ފިލުވާފަ އެވެ. 1976 ގެ ނިޔަލަށް މަޗޫ ޕިޗޫގެ 30 ޕަސެންޓްގެ ސަރަހައްދެއްގެ އާބާތުރަ ވަނީ ފިލުވާފަ އެވެ.

1981 ވަނަ އަހަރު މަޗޫ ޕިޗޫ ވަނީ ޕެރޫގެ ތާރީހީ ބިނާއެއްގެ ގޮތުގައްޔާއި ޔުނެސްކޯއިން ހޮވާ ދުނިޔޭގެ ތާރީހީ ސައިޓެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ. ބައިނަލްއަގުވާމީކޮށް ބޭއްވި އިންޓަނެޓް ޕޯލްއަކުން ހޮވި މަޗޫ ޕިޗޫ ވަނީ 2007 ވަނަ އަހަރު ދުނިޔޭގެ އާ 7 އަޖައިބުގެ ތެރެއިން އެއްއަޖައިބުގެ ތެރޭގައި ހިމެނިފަ އެވެ.

ތިރީގައި މިވަނީ މަޗޫ ޕިޗޫގެ ދުނިޔެއާ ބެހޭގޮތުން އުފައްދާފައިވާ ބައެއް ސުވާލުތަކާ އޭގެ ޖަވާބެވެ.

1. މަޗޫ ޕިޗޫ ފަރުބަދައެއްގެ މަތީގައި އިމާރާތްކޮށްފައިވަނީ ކީއްވެގެން ހެއްޔެވެ؟

މަޗޫ ޕިޗޫ ބިނާކުރެވިފައިވަނީ މަޗޫ ޕިޗޫ ފަރުބަދައިގެ އެންމެ އުހުގަ އެވެ. އެފަރުބަދައަށް މުސްކުޅި ފަރުބަދައޭ ވެސް ކިޔަ އެވެ. މިބިނާ އިންނަނީ ކަނޑުގެ ލޮނަށްވުރެ 20574 ފޫޓް އުހުގަ އެވެ. އެކަމާ މަޗޫ ޕިޗޫގެ މުނިސިޕަލްޓީ އޮފީހުގެ ފަރާތުން ބީބީސީއާ ވާހަކަދެއްކި ހޯސޭ ލުއިސް ރޯސާސް ރާމޮސް ނުވަތަ ރޯސާސް ކިޔާ ޓޫރިޒަމް ސްޕެޝަލިސްޓަކު ބުނެފައިވަނީ މިކަމާ މަޗޫ ޕިޗޫ މިހާ މުހިންމުވި ސަބަބާ ގުޅުމެއްވުން އެކަށީގެންވާ ކަމަށެވެ. އަދި އޭނާ ބުނީ އިންކާ ދަރިކޮޅުގެ މީހުން މިކަހަލަ ބިނާއެއްކުރާއިރު އެސަރަހައްދު ވަރަށް ރަނގަޅަށް ބަލާ ފާސްކުރާނެ އެވެ. އެމީހުންނަށް މިފަރުބަދަތަކަކީ ކަލާނގެ އެވެ.

އެހެންކަމުން މަޗޫ ޕިޗޫގެ ވަށައިގެން ތިން ކަލާނގެ (ތިން ފަރުބަދަ) ހުންނާތީ އެމީހުން ގަބޫލުކުރަނީ އެތަނަކީ ވަރަށް މާތްތަނެއްގެ ގޮތުގަ އެވެ. އަދި މިކަލާނގެތަކުގެ ކިބައިން އެތަނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އުސްތަންތާގައި މި އިމާރާތް ހެދިފައިވަނީ ޗަންކާ ދަރިކޮޅުގެ މީހުންނާއި ކުރާ ހަނގުރާމަތަކުގައި އެމީހުން އަމިއްލަ ނަފްސު ފަސޭހައިން ދިފާއުކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

2. އެއީ ހަމަ ޕަޗަކޫޓީގެ ރަސްމީ ގެކޮޅު ބާ؟

ބައެއް ވާހަކަތަކުން ހާމަވާގޮތުގަައި އިންކާ ޕަޗަކޫޓީ އެތަން ހަދަން އަމުރުކުރީ 1435 ވަނަ އަހަރާ ގާތްކުރާ ހިސާބެއްގަ އެވެ. ނަމަވެސް ރޯސާސް ގަބޫލުކުރާގޮތުގައި މިވާހަކަ އަކީ ތެދެއް އަދު ދޮގެއް ކަމަށް ނިންމޭނެ ވާހަކައެއްކަން ނޫންކަމާއި އެވާހަކަ ސާބިތުކޮށްދޭ ނޫނީ ދޮގުކޮށްދޭ އެއްވެސް ހެއްކެއް ނެތްކަމަށް ވެސް ބުނެފަ އެވެ.

ޓޫރިޒަމް ސްޕެޝަލިސްޓް ގަބޫލުކުރާ ގޮތުގައި މަޗޫ ޕިޗޫ އިލްމީ ހޯދުންތައް ހޯދާ މައި ޖަގަހައިގެ ގޮތުގައި ބޭނުންކުރެވިފައި ހުރުން އެކަށީގެންވެ އެވެ. މިހެން ބުނެވޭ ސަބަބަކީ އެތަނަށް އާންމުކޮށް އެކިކަހަލަ ސްޕެޝަލިސްޓުންނާއި އިންޖިނޭރުންނާއި ހާމުދުރުން ވެސް ޒިޔާރަތްކުރާތީކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންކަމުން މަޗޫ ޕިޗޫ އަކީ ޕަޗަކޫޓީގެ ރަސްމީ ގެކޮޅުކަމަށް ދެއްކޭނެ ސާބިތު ހެއްކެއް ނެތެވެ.

3. އެތައް ސަތޭކަ އަހަރެއް ވަންދެން މަޗޫ ޕިޗޫ ފަނާ ނުވެ އޮތީ ކިހިނެއްބާ؟

އެތައް އަހަރެއްވީ ނަމަވެސް އެތަނުގެ އާކިޓެކްޗަރ އާއި ހިމާޔަތްކޮށްފައިވާ ތަންތަނަކީ އެބިނާގެ އެންމެ އަޖައިބުކުރުވަނިވި އަދި އެންމެ ސަމާލުކަން ދަމައިގަންނަ އެއް ސިފަ އެވެ. ރޯސާސް ބުނެފައިވާ ގޮތުގައި މިއީ ހަގީގަތުގައި މައިގަނޑުކޮށް މިތަނުގައި ބިނާކޮށްފައި ހުރި ތަންތަނުގެ ގޮތުންނާއި އިންކާސް ދަރިކޮޅުގެ މީހުންނަކީ އެމީހުން އަމިއްލައަށް ގަބޫލުކުރާ ގޮތުގައި ވެސް އިންޖިނިއަރިންގެ ބޮޑެތި ތަޖުރިބާކާރުންނެވެ. އެތަން މިހާރުވެސް އޮތުމުގެ ސަބަބަކީ އެމީހުން އެތަނަކީ ޑްރެއިނޭޖް ނުވަތަ ފެންހިންދާ ނިޒާމެއްގެ ގޮތުގައި ބަލާ އެތަން ހިމާޔަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމުންނެވެ.

އެމީހުން އެއާ މެދު ދެކުނު ގޮތާއި އެތަން ރާނާފައި ހުރި ގާތަކަށް ތަންތަނަށް ފުރިހަމައަށް ފެތޭތީ ވެސް އެތަން އިތުރަށް ރައްކާތެރި ތަނަކަށްވި އެވެ. މަޗޫ ޕިޗޫއިން ވަނީ ކުސްކޯއަށް އައި ދެ ބިންހެލުން ވެސް ތަޖުރިބާކޮށްފަ އެވެ. 1650 އާއި 1950 އާ ދެމެދު ހިނގި މިކަންތައްތަކުގައި އެތައް އިމާރާތްތަކެއް ހަލާކުވީއިރު މަޗޫ ޕިޗޫއަށް ގެއްލުމެއް ވެފައި ނުވާކަމަށް ޓޫރިޒަމްގެ ތަޖުރިބާކާރު ރޯސާސް ބީބީސީ ނޫހަށް ބުނެފައިވެ އެވެ.

ކުރީގެ ޕެރޫ ރަށްވެހިންގެ ތާރީހީ ބިނާތައް ބިމާހަމަކޮށް އެތަންތަން ހަލާކުކުރުމަކީ އަންދަލުންސްގެ (ސްޕެއިން) ވެރިންކުރި ކަމެކެވެ. ނަމަވެސް މަޗޫ ޕިޗޫއާ ހަމައަށް އެމީހުންނަށް ވާސިލްވެވިފައި ނެތުމަކީ އެތަން މިހާރު އޮތް ގޮތަށް އޮންނަން އެހީވި އެއްސަބަބެވެ. އެތަނަށް އެރެން އޮތް ހުރިހާ ގޮތެއް ބަންދުކުރުމަށް މަންކޯ އިންކާ ކިޔާ މީހަކު ވަނީ އަމުރުވެސް ކޮށްފަ އެވެ. ހުރިހާ މަގަކާ ހުރިހާ ދިމާލެއް ސުންނާފަތިކޮށްލުމަށްފަހު އެތަނުގައި ދިރިއުޅުން މީހުން ވަނީ މުދާކޮޅު ރައްކާކޮށްފައި އެއްޗެހިތައް ހިފައިގެން ފިލާފަ އެވެ. އެހިސާބުން އެތަން ފަލޫވެ ގަސްތައް ބޯވާން ފެށި އެވެ.

4. ހަމަ އެންމެ ފުރަތަމަ އެތަން ހޯދީ ހީރާމް ބިންގަމް ހެއްޔެވެ؟

ހިސްޓޯރިއަން އަމާޑޯ ބުނާގޮތުގައި ތަނެއް ހޯދޭނީ ނުވަތަ ޑިސްކަވާ ކުރެވޭނީ އެއްވެސް އިރަކު އެތަން މީހަކަށް ނުފެނި އޮތްނަމަ އެވެ. ނަމަވެސް ތާރީހީ ފަތްފުތްތަކާއި ފޮތްތައް އިޝާރާތްކުރަނީ އެތަން ހޯދީ 1911 ވަނަ އަހަރު އެމެރިކަން އެކްޕްލޯރާ ހީރާމް ބިންގަމް ކަމަށެވެ. ނަމަވެސް މާކުރިންސުރެ ޕެރޫގެ ގިނަ ރަށްވެހިންތަކަކަށް މިތަނުގެ ހަގީގަތާ އެތަން އޮންނަކަން އެނގިފައިވެ އެވެ. ރޯސާސް ބުނެފައިވަނީ ހީރާމް ބިންގަމް ވަނީ މިތަނުގައި އެތައް ރިސާޗަކާއި އެކްސްޕެޑިޝަންތައް ވެސް ވަނީ ބާއްވާފަ އެވެ.

5. މަޗޫ ޕިޗޫއަކީ ހަމަ ލޯސްޓް ސިޓީއެއް ހެއްޔެވެ؟

މަޗޫ ޕިޗޫއަކީ ދުވަހަކުވެސް ގެއްލިފައި އޮތް ތަނެއް ނޫނެވެ. އެއީ އެތާ ކައިރީގައި އުޅޭ އާންމުންނަށް އެތަނުގެ މުހިންމުކަން އެންމެ ކުރިންސުރެ އެނގޭތީ އެވެ. އެތަނަކީ ވަރަށް މާތްތަނެއްކަމަށާއި އެއީ ސިއްރު ރެފިއުޖީ ކޭމްޕެއް ނޫނީ ގެއްލިފައިވާ ސިޓީއެއް ވެސް ނޫންކަމަށް ރޯސާސް ވަނީ ފާހަގަކޮށްފަ އެވެ.

6. މަޗޫ ޕިޗޫ އޮތީ ނެތިދިއުމުގެ ބިރުހީވެފައި ހެއްޔެވެ؟

ޓޫރިސްޓުންނަށް މިތަން އާންމުވެފައި އޮތްވަރު ބޮޑުވުމުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން މިތަން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ތިއަރީތަކުން ނުވަތަ ލިޔުންތަކުން ދައްކަ އެވެ. ނަމަވެސް ތަޖުރިބާކާރުންނަށް މިއީ ސުވާލު އުފައްދާވަރުގެ ކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355