ދަރިވަރުންނަށް ނުލިބި ހުރި ފޮތްތަކުގެ ހާޑްކޮޕީ ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ފަހުން ދެ ހަފުތާވީއިރު ވެސް ސްކޫލުތަކަށް ޓީޗަރުންނާއި ކުދިންގެ ޓެކްސްޓް ފޮތްތައް ވެސް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ވަނީ ކޮށްފަ އެވެ.
މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. pic.twitter.com/wqOGnA4fT1
— Ministry of Education (@MoEdumv) August 20, 2021
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި އެ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޮތްތައް ނުލިބި ލަސްވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން ބޭރުން ގެންނަން ޖެހުނު ބައެއް ސާމާނު ލިބުމުގައި ދަތިތަކާވެސް ކުރިމަތިވެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިވަގުތު ދަރިވަރުންނަށް ނުލިބި ހުންނާނީ ދިވެހި އިސްލާމް އަދި ޤުރުއާން މާއްދާތަކުގެ ފޮތްތައްކަމަށެވެ. ނަމަވެސް މިހާރު އެ ފޮތްތައް ފޮނުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމާށާއި މިހަފްތާ ތެރޭ މާލޭގެ ސްކޫލްތަކަށް ފޮތްތައް ހަވާލު ކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިހާރުވެސް އަތޮޅުތަކުގެ ބޯޓުތަކަށް ފޮތްތައް އެރުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޯރުކޮދީ ނިންމުންކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހާޑް ކޮޕީ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ހުރިހާ ދަރިވަރުންނަސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.