ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ ސްރީލަންކާ އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.
ބޭރުގެ މީޑިއާތައް ބުނާގޮތުން މިރޭ ފަށާ ފުލް ލޮކްޑައުނަކީ 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ ލޮކްޑައުނެކެވެ. ލޮކްޑައުނަށް އަމަލު ކުރަން ހަމަޖެހިފައި ވަނީ މިރޭ 10:00 އިން ފަށައިގެން މި މަހުގެ 30 ގެ ނިޔަލަށެވެ.
މި ލޮކްޑައުން އިއުލާން ކުރުމުގެ ކުރިން ވެސް ލަންކާގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން ބައެއް ސްކޫލްތަކާއި ޖިމްތައް އަދި ޕަބްލިކް ސްވިމިންގް ޕޫލުތައް ވަނީ ބަންދު ކޮށްފަ އެވެ. އަދި ކައިވެނި ޕާޓީތަކާއި ޝޯތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފަށައިގެން ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގަ އެވެ.
ސްރީލަންކާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ އެގައުމުގައި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ފެތުރި ތިން ވަނަ ރާޅެއް އަރާފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުގައި ގިނަބަޔަކު މި ބައްޔަށް ޕޮޒިޓިވްވެ ހޮސްޕިޓަލްތައް ބާރު ބޮޑުވެފައިވާއިރު ގިނައަދަދެއްގެ ބަޔަކުވަނީ ބަލީގައި މަރުވެސްވެފަ އެވެ.
މިހާތަނަށް އެގައުމުގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު ވަނީ 187 މީހުން އެ ބަލީގައި މަރުވެފަ އެވެ. އަދި 3793 ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ސްރީލަންކާ ބަންދުކޮށްފައިވާއިރު ކޮވިޑް ކޭސްތައް އިތުރުވެ ނިޔު ޒީލެންޑުވެސް ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް ބިންދާލާ އެ ގައުމުގެ އެންމެ އާބާދި ބޮޑު ސްޓޭޓް ކަމަށްވާ ސިޑްނީވެސް ވަނީ އަންނަ މަހުގެ ނިޔަލަށް ލޮކްޑައުންކޮށްފަ އެވެ.