ދުނިޔޭގެ އެކި ގައުމުތަކުގައި އެކިކަހަލަ ސަގާފަތްތައް އޮވެ އެވެ. އެގޮތުން ވަރަށް އާދަޔާހިލާފު ކަންކަން ބައެއް ގައުމުތަކުން ފެނެ އެވެ. އަދި މަޖާ ކަންކަމާއި ތާކުން ތާކު ނުޖެހޭ ކަންކަން ވެސް އެކި ގައުމުތަކުގައި ސަގާފަތް ދިރުވާ އާލާ ކުރުމުގެ ނަމުގައި ހިންގަ އެވެ.
އެގޮތުން މިބަލާލަނީ ތައިލޭންޑްގެ ވިލެޖެއްގައި ކުރިއަށްގެންދާ ސަގާފަތަކަށެވެ.
ތައިލޭންޑްގެ ލޮޕްބުރި ޓައުންގައި އެތަނުގެ ރާމާމަކުނު ފެސްޓިވަލްގެ އަހަރީ ދުވަސް ފާހަގަކުރަން ހަފްތާ ބަންދުގައި ބޮޑު ޖާފަތެއް ބާއްވަ އެވެ. މިކަމަށް ކިޔާ އުޅެނީ ރާމާމަކުނު ބުފޭ އެވެ.
2000 އަށް ވުރެ ގިނަ މަކާކިއުސް ކިޔާ ބާވަތެއްގެ އެސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރާމާމަކުނެއް މި ޖާފަތުގައި ނުވަތަ ބުފޭގައި ބައިވެރިވެ އެވެ.
""20 ވައްތަރެއްގެ މޭވާއެއް ހުންނާނެ. އެހެންނަމަވެސް މިއަދު ރާމާމަކުނަށް އެންމެ މައިގަނޑު އެއްޗަކީ ސައްކެޔޮ. އެއީ ވެސް އަގުހެޔޮ ސައްކޭލެއް ނޫން. މާނައަކީ ސައްކޭލަށް އެކަނިވެސް މިއަދު އަހަރެން 18000 ތައިލޭންޑް ރުފިޔާ ހަރަދުކޮށްފިން."ހޮޓެލް އޯނަރެއް އަދި ވިޔަފާރިވެރިއެއްގެ އިތުރަށް މިއިވެންޓްގެ އޯގަނައިޒަރު ޔޮންގްޔުތް ކިޓަވަޓަނަނުސޮންޓް
ތަނުގައި އުޅޭ އާންމުން ގަބޫލުކުރާ ގޮތުގައި ރާމާމަކުނަށް ކާން އެއްޗެހި ފޯރުކޮށްދިނުމުން ރަނގަޅު ނަސީބާއި ތަރައްގީ ގެނެސްދެ އެވެ. ރާމާމަކުނަކީ ލޮޕްބުރީގެ އެންމެ މަޝްހޫރު ރައްޔިތުންނެވެ.
ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް މުނިފޫހިފިލުވާދީ ފަތުރުވެރިކަން ކުރިއަރުވާ ޖަނަވާރުތަކަށް ޝުކުރުއަދާކުރުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް މިކަން ބަލައިގަނެ އެވެ.
މިޖާފަތް ތައްޔާރުކުރަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ އެންމެ ބޮޑެތި ހޮޓާތަކުގެ 20 ޝެފުން ގެނެސްގެނެވެ.
އުމުރުން ދުވަސްވީ ޝެފެއްކަމަށްވާ ވުއްޓިޗާޓް މުއަޑްސްރީ ބުނިގޮތުގައި މިއީ ވަރަށް ފައްކާކަމެއް ކަމަށާއި އަދި ދުވަހަކުވެސް މިފަދަ ކަމެއް ނުކުރާ ކަމަށެވެ. އަދި މިހާތަނަށް ސާވްކުރީ ހޮޓާތަކަށް އަންނަ މީހުންނަށް އެކަނި ކަމަށެވެ.
ބުފޭ މޭޒުތައް ކާއެއްޗެހިން ފުރިފައި ހުންނައިރު އޭގެ އަގު ތައިލޭންޑް ރުފިޔާއިން 5 ލައްކަ އަރަ އެވެ. އެއީ 15000 ޑޮލަރެވެ. އެއްޑޮލަރަކީ 33.83 ތައިލޭންޑް ރުފިޔާ އެވެ.
މާ ބޮޑުވަރުވެފައި ތިބޭ ރާމާމަކުނު ފައްސަން ސަން ޕްރާ ކަން ފައްޅިއަށް ޒިޔާރަތްކުރާ މީހުންނަށް ބެމްބޫ ދަނޑިވެސްދެ އެވެ. އަދި އެތަނުގެ ބައެއް އާންމުން އެއްޗެހި ފަހަން ވެގެން ސްލިންގްޝޮޓްވެސް ބޭނުންކުރެ އެވެ.